ކާށި އަކީ ދިވެހިންގެ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ އެއްޗެކެވެ. އެގޮތުން ތަފާތު ކާއެއްޗެތި ތައްޔާރު ކުރުމުގައި ކާށިހުނި، ކާށިކިރު، ކާށިތެޔޮ، ފަދަ ބައިތައް ބޭނުން ކުރެވެއެވެ. ނަމަވެސް މީގެން ލިބޭ ފައިވާތަކެއް ގިނަ ދިވެހިންނަކަށް ނޭނގެއެވެ. ތިރީގައި އެވަނީ ކާށި ކިރުން ލިބޭ ބައެއް ސިއްޙީ ފައިދާތަކެވެ.

ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވުން : ގުލްކޯޒް އިންޓޮލެރެންސް އަކީ ހަށިގަނޑުން މެންގަނީޒް މަދުވުން މެދުވެރިކޮށްފާނެ ކަމެކެވެ. ކާށި ކިރަކީ މެންގަނީޒް އިން މުއްސަދި އެއްޗެކެވެ.

ހަމާއި ލޭހޮޅިތައް ރަގަޅަށް ބެހެއްޓުން : ކޮޕަރ އަކީ ހަށިގަނޑުގެ ވަރަށް ގިނަ މަސައްކަތްތަކަށް ބޭނުންތެރި އެއްޗެކެވެ. ކޮޕަރ އަދި ވިޓަމިން ސީ އަކީ ލޭހޮޅިތަކާއި ހަމުގެ އިލާސްޓިކް ކަން ދަމަހައްޓައި، ފަރާތް ފަރާތަށް ލެބޭނެގޮތް ހެދުމުގައި އެހީތެރިވެދޭ އެއްޗެކެވެ.

ކަށިތައް ވަރުގަދަކުރުން : ކާށި ކިރުގައި ކެލްސިއަމް ގިނަ ނުވި ނަމަވެސް ޕޮޓޭސިއަމް ގިނައިން ހުރެއެވެ. މިއީ ކަށިތައް ވަރުގަދަކުރުމަށް ބޭނުންވާ މުހިއްމު މާއްދާ އެކެވެ.

ލޭމަދުވުމުން ރައްކާތެރިކުރުން : ކާށި ކިރުގައި ދަގަނޑު ގިނައިން ހުރެއެވެ. މިކަމުގެ ސަބަބުން ލޭމަދުވުމުން ރައްކާތެރި ވުމަށް އެހީތެރިވެދެއެވެ. ލޭމަދުވުން ކުރިމަތިވަނީ ލޭގެ ދަގަނޑުގެ ބައި އުފުލާ ހިމޮގްލޯބިން މަދުވެ، ލޭގެ ރަތް ސެލްތަކުގެ އެހީގައި އޮކްސިޖަން އެކި ޓިޝޫތަކާއި ހަމައަށް ފޯރުކޮށްދޭގޮތް ނުވުމުންނެވެ. މިހެންވުމުން ލޭމަދުވުމުގެ އުދަގޫތައް ފެންނަށް ފަށާނެ އެވެ.

މަސްތަކާއި ނާރުތައް ހަމައަކަށް އެޅުވުން : މަސްތައް ގުޅަކައި، މަސްތައް ވާޅުވެ، ރިއްސާނަމަ ކާށިކިރާއެކު ކޮންމެވެސް ކާއެއްޗެއް ބޭނުންކުރާށެވެ. ކާށި ކިރުގައި ހިމެނޭ މެގްނީޒިއަމް އަކީ މިދެންނެވި މައްސަލަ ހައްލުކޮށްދޭނެ މާއްދާ އެކެވެ. މެގްނީޒިއަމް އަކީ ވަރަށް ގިނަ ނާރުގެ ސެލްތަކުގެ ދޮރާށި ބަންދުކޮށްލަދޭ އެއްޗެކެވެ. މެގްނީޒިއަމް މަދުވެއްޖެނަމަ، ނާރު ސެލްތައް ވަރަށް ހީވާގިވާނެ އެވެ. އެއީ ކެލްސިއަމް ނާރުތައް ހީވާގިކޮށް މުރާލިކުރުވާތީ އެވެ. ނާރުތައް އާދަޔާ ޚިލާފަށް ހީވާގިވެ، ހަރަކާތްތެރިވާން ފެށުމުން މަސްތައް ކުރުގެޅި، ވާޅުވާގޮތް ވާނެއެވެ.

ބަރުދަން ކޮންޓްރޯލްކުރުން : ކާށި ކިރުގައި ހިމެނޭ ފައިބަރުގެ ސަބަބުން ކާށި ކިރު ބުއިމުން ފުރިފައި ހުންނަ އިހްސާސް ކުރެވޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ކެވޭ މިންވަރު މަދުވެ، ބަރުދަން ލުއިވުމަށް އެހީތެރިވެދޭނެ އެވެ.

ހުޅުތައް ދުޅަވުމުގެ ފުރުޞަތު ކުޑަކުރުން : ކާށި ކިރުގައި ހުންނަ ސިލެނިއަމް އަކީ އެންޓި އޮކްސިޑެންޓް އެކެވެ. މިއީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން ހުޅުދުޅަވުމުގެ ބަލިތަކުގެ އުދަގޫަތައް ކުޑަކޮށްދޭނެ އެވެ. ސިލެނިއަމް އުނިނަމަ، ރާއްޖެބަލި ފަދަ ހުޅުގެ ބަލިތައް ޖެހުމުގެ ފުރުޞަތު ބޮޑެވެ.

ލޭގެ ޕްރެޝަރު ދަށްކުރުން : ކާށި ކިރުގައި ޕޮޓޭސިއަމް ހުރެއެވެ. މިއީ ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށް ހިތުގެ ވިންދުޖެހުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ.

ދިފާޢީ ބާރު ގަދަކުރުން : ކާށި ކިރުގައި ވިޓަމިން ސީ ހުރުމަކީ ދިފާޢީ ބާރު ގަދަކޮށްދޭނެ ކަމެކެވެ. އެހެންކަމުން ކާށި ކިރު ބޭނުންކުރުމުން ފަސޭހައިން ރޯގާ ފިލައި، ރޯގާޖެހުމާއި ދުރުކޮށްދޭނެ އެވެ.

ޕްރޮސްޓޭޓް ގްލޭންޑްގެ މަސައްކަތްތައް ރަގަޅުކުރުން : ޕްރޮސްޓޭޓް ގްލޭންޑްގެ މަސައްކަތްތައް ރަގަޅުކޮށް ފުރިހަމަ ކުރުމުގައި ޒިންކް އަކީ ވަރަށް މުހިއްމު އެއްޗެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލާކު!

    ދިވެހިންނަކީ ކާށިކިރުބޮއެ، ތެޔޮހާނައި ތެޔޮކުނޑި ކައި ، މުލައްދަނޑީގެބާރު ދުނިޔެއަށް ދައްކާފައިވާ ބައެއް، މިއަދުގެ މީހުންނަށް އެކަން ނޭގުނަކަސް! މިއަދު ދިވެހިން މިވަނީ ޔޫރަޕުދެއްކި އަވާމެންފުރުގައިޖެހި ރޭރުވެފައެވެ

    3
    1