ދިވެހިން ގިނަ އަދަދަކަށް ގޮސް އުޅޭ އަދި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ އިންޑިޔާގެ ތިރުވަނަންތަޕޫރަމް ނުވަތަ ޓްރިވެންޑްރަމް ސަރަޙައްދުގައި، މަޝްހޫރު ޕަބްޖީ ކުޅުން މަނާކުރުމަށް ވިސްނަމުންދާކަމަށް ކެރެލާގެ ސްޓޭޓް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރަޙައްދުގައި ހިންގަމުންދާ ސްކޫލުތަކާއި އެނޫންވެސް ތައުލީމީ އިދާރާތަކުގެ ތެރޭގައި، ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ޕަބްޖީ ކުޅުން މަނާކުރަން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން "ނިއު އިންޑިޔަން އެކްސްޕްރެސް" އަށް މައުލޫމާތު ދެމުން، ކެރެލާގެ ޖެނެރަލް އެޑިއުކޭޝަން ޑިޕާޓްމަންޓްގެ ޕްރިންސިޕަލް ސެކްރެޓަރީ ބުނެފައިވަނީ އެކަމަށްޓަކައި މަޝްވަރާ ކުރަމުންދާކަމަށާއި، އެއްވެސް ސްކޫލަކުން ނުވަތަ ތައުލީމީ އިދާރާއަކުން ރަސްމީކޮށް ޕަބްޖީގެ އުނދަގޫ ބަޔާންކޮށް ޝަކުވާ ހުށަހަޅައިފިނަމަ، މިހާރުވެސް އެކަން ކުރާނެކަމުގައެވެ.

އޭނާ އިތުރަށް ބުނެފައިވާ ގޮތުން، އެޤައުމުގެ ގުޖުރާތު ސްޓޭޓުގެ ސްކޫލުތަކުގައިވެސް މިހާރު ވަނީ ޕަބްޖީ ކުޅުން މަނާކޮށްފައެވެ. އަދި ކެރެލާގައި އެފަދަ ކަމެއް ކުރުމުގެ ވިސްނުން އައީވެސް، ގުޖުރާތުގައި އެކަން ކޮށްފައިވާތީކަމަށް ބުނެފައިވެއެވެ.

މީގެކުރިން، އިންޑިޔާގެ ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ކޮމިޝަނުން ވަނީ އެޤައުމުގައި މި ގޭމު އެއްކޮށް މަނާ ކުރުމަށް ޚިޔާލު ހުށަހަޅާފައެވެ.