ބޮލީވުޑްގެ މަޝްހޫރު ތަރިއެއްކަމުގައިވާ އަކްޝޭ ކުމާރްގެ ގެއަށް ވަންނަން މަސައްކަތް ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

އެމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ.

އުމުރުން 20 އަހަރުގެ ހަރިޔަނާއަށް ނިސްބަތްވާ އަންކިޓް ގޯސްވަމީ ނަމަކަށް ކިޔާ ޒުވާނާ ހައްޔަރުކޮށްފައި ވަނީ، މިދިޔަ އަންގާރަ ދުވަހު އޭނާ އެކްޝޭއާ ބައްދަލުކުރަން، އަކްޝޭ އުޅޭ ގެއަށް ވަންނަން އުޅެނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އަންކިޓް އެންމެ ފުރަތަމަ އަކްޝޭއާ ބައްދަލުކުރަން ގޮސް ހުއްޓާ ސެކިއުރިޓީއަށް ފެނިގެން އެކަން ވަނީ ހުއްޓުވާފައެވެ. އެރޭ އަނެއްކާވެސް އެގެއަށް ވަންނަން ދިޔައެވެ. އެފަހަރު ވަންނަން މަސައްކަތް ކުރީ ސެކިއުރިޓީއަށް ފިލައިގެންނެވެ. އެގޮތުން އެރޭ އޭނާ އޮތީ ގަހަކަށް އަރާފައެވެ. އެ ގަހުގައި ގިނައިރު އޮތުމަށްފަހު އެރޭ 1:30 ހާއިރު އޭނާ ގަހުން ފައިބައިގެން އެގެއަށް ވަންނަން ދަނިކޮށް އަނެއްކާ ސެކިއުރިޓީ ގާޑަށް ފެނިގެން ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

އެ މައްސަލާގައި އެ ޒުވާނާ މިހާރު އޮތީ ޖަލުގައެވެ. އަދި އޭނާ ސަލާމާތްކުރުމަށް އޭނާގެ ބައްޕަ މުމްބާއިއަށް އަންނަ ހަފްތާ ތެރޭގައި ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ޒުވާނާ ގެއިން ފިލައިގެން މުމްބާއަށް ރޭލުގައި އައީ އަކްޝޭއަށް ބައްދަލުކުރާށެވެ. ނަމަވެސް އޭނާއަށް އެ ފުރުސަތު ނުލިބުނެވެ.