ޗޯކް ބޯޑެއްގައި އެކި ކުލަ ކުލައިގެ ޗޯކުން ކުރަހައިގެން، ދަރިވަރުންނަށް ކޮމްޕިއުޓަރު ކިޔަވަދިން ގާނާގެ ކުޅަދާނަ ޓީޗަރަށާއި، އޭނަ މަސައްކަތްކުރަމުންދާ ސްކޫލަށް ހިލޭ އެހީގެ ގޮތުގައި ގިނަ ކޮމްޕިއުޓަރުތަކެއް ހަދިޔާކޮށްފިއެވެ.

ގާނާގެ ފަޤީރު އަވަށެއްގެ ސްކޫލެއްގެ ޓީޗަރެއް ކަމަށްވާ ރިޗަޑް އައްޕިއާ އަކޯޓޯ ކޮމްޕިއުޓަރަކާއި ނުލައި ކޮމްޕިއުޓަރު ބޭނުން ކުރާ ގޮތް ކިޔަވައިދޭ މަންޒަރު ފެންނަ ފޮޓޯތައްވެސް ދާދި ފަހުން ވަނީ މީސް މީޑިއާގައި ދައުރުވެފައެވެ. އެއާއެކު އޭނާއަށް ވަނީ ގިނަ ބަައެއްގެ ސަމާލުކަން ލިބި އެތައް ބައެއްގެ ތައުރީފު ލިބިފައެވެ.

އެ ސަމާލުކަމާއެކު ގާނާގެ އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުން މަސައްކަތް ފެށީ، އަކޯޓޯ ކުރަމުންދިޔަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުނން އޭނާއަށް ކޮމްޕިއުޓަރެއް ހޯދުމަށެވެ. އަދި ސްކޫލުގައި ދަރިވަރުންނަށް ފަސޭހަކަމާއި އެކު އުނގަންނައިދިނުމަށް މަގުފަހިކޮށް ދިނުުމުގެ ގޮތުން ސްކޫލަށްވެސް ކޮމްޕިއުޓަރުތަކެއް ހަދިޔާ ކުރުމަށެވެ.

އެގޮތުން އެ ޖަމާޢަތްތަކުން ވަނީ މައިކްރޮސޮފްޓު ކުންފުންޏާއި ވާހަކަ ދައްކައިގެން އެ ކުންފުނީގެ ސަމާލުކަމަށްވެސް އަކޯޓޯ ކުރަމުންދާ މަސައްކަތް ގެނެސްފައެވެ. ނަތީޖާއެއްގެ ގޮތުން އެކުންފުނިން ސިންގަޕޫރުގައި ބޭއްވި "މައިކްރޮސޮފްޓް އެޑިއުކޭޓާސް އެކްސްޗޭންޖް"ގައި ބައިވެރިވުމުގެ ފުުރުސަތު އޭނާއަށް ލިބިގެން ދިޔައެވެ.

މިހާރު އަމިއްލަ ފަރާތްތަކުން ވަނީ އަކޯޓޯއަށާއި އޭނާގެ ދަރިވަރުންނަށް ކޮމްޕިއުޓަރު ހަދިޔާ ކުރަން ފަށާފައެވެ. އެގޮތުން މިހާތަނަށް ލެޕްޓޮޕަކާއި ހަތަރު ޑެސްކުޓޮޕް ކޮމްޕިއުޓަރު އޭނާއަށް އެކި ފަރާތްތަކުން ހަދިޔާ ކޮށްފައިވެއެވެ. އެ ކޮމްޕިއުޓަރުތަކާއެކު އަކޯޓޯއާއި އޭނާގެ ދަރިވަރުން ހުއްޓިގެން ހުންނަ މަންޒަރު ފެންނަ ފޮޓޯތައް މިހާރު ދަނީ ދައުރުވަމުންނެވެ.

ރިޗަޑް އާ ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ، ބޯޑުގައި ކުރަހައިދީގެންވިޔަސް ކޮމްޕިއުޓިންގ ކިޔަވައިދޭން އަކޯޓީއަށް މަޖުބޫރުވީ، އެޤައުމުގެ ޤައުމީ އިމްތިޙާނުގައި އައިސީޓީ ޕޭޕަރެއް ހަދަން ޖެހޭތީއެވެ. އަކޯޓޯ ބުނިގޮތުގައި، އެ މަސައްކަތް އޭނާ އެގޮތަށް ކޮށްފައިވަނީ އިމްތިހާނުން އޭނާގެ ދަރިވަރުން ފެއިލްވާން ނޭދޭތީއެވެ.