ކުށްވެރިން، ކުށްތަކަށް އެއްބަސްކުރުވުމަށް ފުލުހުން ތަފާތު އުކުޅުތައް ބޭނުން ކުރެއެވެ. އެހެންނަމަވެސް، އެއީ އާއްމުކޮށް އަންގާ އިއުލާން ކުރާ ކަންކަމެއް ނޫނެވެ.

އެހެންނަމަވެސް، މިކަމަށްޓަކައި އިބްޑޮނޭޝިޔާގެ ޕޮލިސް ސްޓޭޝަނެއްގައި މަސައްކަތް ކުރާ ފުލުހުންތަކެއް ބޭނުންކުރި އުކުޅަކަށް އެތައް ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. އެކަމަށްޓަކައި އެފަރާތްތަކުން ބޭނުންކޮށްފައިވަނީ ނުރައްކާތެރި، އަދި ބިރުވެރި އުކުޅެކެވެ.

އެގޮތުން، އެޤައުމުގެ ފުލުހުންތަކެއް ވަނީ، ވައްކަން ކުރި މީހަކު، އެކުށަށް އިއުތިރާފު ކުރުވުމަށް، ކުށަށް ތުހުމަތު ކުރެވޭ މީހާގެ ކަރުގައި ހަރުފައެއް އޮޅާފައެވެ. ނުރައްކާތެރި އަދި އެހާމެ ބޮޑު ހަރުފައެއް ކުށްވެރިޔާގެ ކަރުގައި އޮޅައިގެން، ފުލުހުން ސުވާލު ކުރާ މަންޒަރު ފެންނަ ވީޑިޔޯއެއް ވަނީ އާއްމުވެފައެވެ.

ވީޑިޔޯ އިން އިވޭ އަޑުތަކަށް ބަލާއިރު މި މީހާ ވަގަށް ނަގާފައިވަނީ މޯބައިލް ފޯނުކަމަށް ބެލެވެއެވެ. އެގޮތުން، ވަގަށް ނެގީ ކިތައް ފޯނުހޭ އަހާ އަޑު، ވީޑިޔޯ އިން އިވޭކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އިންޑޮނޭޝިޔާ ފުލުހުންގެ އިސް ތަރުޖަމާނަކު ބުނެފައިވަނީ މި ފުލުހުން ކޮށްފައިވަނީ ކޮށްގެން ނުވާނެ ކަމެއްކަމުގައެވެ. އަދި މިކަމާ ގުޅިގެން އެފުލުހުންނާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ނޫސްތަކުން ބުނާ ގޮތުގައި ކުށްވެރިވި މީހަކީ، އެޤައުމުގެ ބައި މަދު ނަސްލަކަށް ނިސްބަތްވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު