އިންސާނުންގެ ލޮލަށް ނުފެންނަ އެތައް އެއްޗެއް ދުނިޔޭގައިވަނީ ލައްވާފައެވެ. އެހެންނަމަވެސް، އެއީ ނުވާ އެއްޗެއްސެއް ނޫނެވެ. ޖަރާސީމަކީ އެފަދަ އެކައްޗެވެ. އިންސާނުންގެ ކޮށި ލޮލަށް ނުފެނުނުކަމުގައިވިޔަސް، އެއީ ވާ އެއްޗެކެވެ.

އެހެންނަމަވެސް، ހަމަ ލޮލަށް ޖަރާސީމު ނުފެންނަކަމަށް ބުނެ، 10 އަހަރު ދުވަސް ވަންދެން އަތް ނުދޮވެ އުޅުނުކަމަށް މީހަކުވަނީ ބުނެފައެވެ. އެއީ، އެމެރިކާގެ ފޮކްސް ނިއުސްގެ ޕްރެޒެންޓަރެކެވެ.

ޕީޓާ ހެގްސެތް ނަމަކަށް ކިޔާ މި ޕްރެޒެންޓަރު މިހެން ބުނެފައިވަނީ ވަގުތުން ޓީވީ މެދުވެރިކޮށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެއްގައެވެ. އެކަން ފާހަގަކުރުމުގެ ކުރިން، ޕީޓަރ ބުނެފައިވަނީ އޭނާ 2019 ވަނަ އަހަރަށް ކަނޑައެޅި އެއް އަމާޒަކީ، އޮން އެއަރގައި ބުނަން ނުޖެހޭ ބައެއް އެއްޗެހި ބުނުންކަމުގައެވެ.

މިކަމާ ގުޅިގެން އޭނާއަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. މީސް މީޑިޔާއާއި އެހެނިހެންވެސް މަންސަތަކުގައި އޭނާއަށް ފާޑުކިޔުން އަމާޒުވުމުން އޭނާ އެހެން ވާހަކަތަކެއް ދައްކާފައިވެއެވެ. އެގޮތުން، އޭނާ ބުނެފައިވަނީ އެކަމުން އޭނާ ދޭން ބޭނުންވާ މެސެޖު، ގިނަ ފަރާތްތަކުން އޮޅުވާލާފައިވާކަމަށެވެ.

ޕީޓަރ ބުނި ގޮތުގައި އޭނާ ބުނަން ބޭނުންވި ވާހަކައަކީ، ސާފުތާހިރުވުމުގައި ހައްދުފަހަނަ އަޅައި ދާކަށް ނުވާނެކަމުގައެވެ.

އޭނާ އެހެން ބުނެ، ދެއްކި ވާހަކަ ދިފާއުކުރަން ފަހުން މަސައްކަތް ކުރިކަމުގައިވިޔަސް ކުރިން ޓީވީގައި ބުނެފައިވަނީ ޖަރާސީމާއި އެނޫންވެސް މައިކްރޯއޯގަނިޒަމްސް އަކީ އުޅޭ އެއްޗެއް ނޫންކަމަށާއި، ސަބަބަކީ އެއީ ލޮލަށް ނުފެނުންކަމުގައެވެ. އަދި އުޅޭ އެއްޗެއްނަމަ، އެހާ ދުވަސްވީއިރު އޭނާ ބަލިވީސްކަމަށް ބުނެފައިވެއެވެ.

މި މީހާއަކީ މޮޔައެއްކަމަށް އެތައް ބަޔަކު ސިފަކޮށްފައިވާއިރު، އަތްދަބަސް ތެރޭގައި ސެނިޓައިޒަރ ފުޅި ގެންގުޅުމަކީ ބޭކާރު ކަމެއްކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސާ

    މީނަ އަކީ މިސަރުކާރުގެ މީހެއްތަ؟ ތަރުޖަމާކުރަން.

  2. ހައި

    އެއީ ދޮގެއް އޭނާ އެހެން ބުންޏަސް އަތް ދޮވެގެން އުޅޭނީ. އިތުރަށް މަޝްހޫރު ވާން ކުރާ ކަންތައްތައް މިއީ.