އިނގިރޭސިވިލާތަކީ ޝަރީޢަތްތައް ކުރުމުގައި ވަރަށް އިންސާފުވެރި ނިޒާމެއް އޮންނަ ގައުމެއް ކަމަށް ދުނިޔެ ގަބޫލު ކުރެއެވެ. ގިނަ ބަޔަކު ޝަރުޢީ ކަންކަމުގައި މިސާލެއްގެ ގޮތުގައި ވެސް އިނގިރޭސި ވިލާތް ބަލައިގަނެއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ކޯޓުތަކުގައި ވެސް ތިބެނީ އިންސާނުން ކަމަށް ވާތީ އެމީހުންނަށް ވެސް ގޯސް ހެެދެއެވެ.

ލަންޑަންގެ ކޯޓެއްގެ އާއިލީ މައްސަލަތައް ބަލާ ޑިވިޝަންގައި މަސައްކަތް ކުރައްވާ އަންހެން ފަަނޑިޔާރެއް ކަމަށްވާ އުމުރުން 68 އަހަރުގެ ޕާކާ އަށް ވެސް މިވަނީ ގޯހެއް ހެދިފައެވެ. އާއިލާ މައްސަލައެއްގެ ޙުކުމް އިއްވަން ޝަރީޢަތް ކުރިއަށް ގެންދަނިކޮށް ޕާކާ ވަނީ ނިދާފައެވެ.

ޝަރީޢަތުގެ މަޖިލީހުގައި ފަނޑިޔާރު ނިދި މައްސަލަ މިހާރު އިނގިރޭސިވިލާތުގެ ޖުޑީޝަލް ކޮންޑަކް އިންވެސްޓިގޭޝަން އޮފީހުން ގެންދަނީ ތަހްޤީޤު ކުރަމުންނެވެ. ނަމަވެސް އަދި ފަނޑިޔާރާއި މެދު ފިޔަވަޅެއް އަޅަން ނިންމާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތައް ކަންކަން ކުރަން ވަނީ ނަސޭހަތް ދީފައެވެ.

ފަނޑިޔާރު ވަނީ އެކަމަނާ އަށް ކުރެވުނީ ކުށެއް ކަމަށް އިއުތިރާފްވެ މަޢާފަށް އެދިފައެވެ.

މައްސަލަ ތަޙްޤީޤުކޮށް ނިމުމުން އިތުރު ފިޔަވަޅެއް ވެސް ފަނޑިޔާރާއި މެދު އެޅުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު