ވިހަން ގާތްވެފައި ނުވާ އަދި މަންމަގެ ބަނޑުގައި އޮތް ކުއްޖަކު، މަންމަގެ ބަނޑުން ނެގުމަށްފަހު އަނެއްކާވެސް މަންމަގެ ބަނޑުގެ ތެރެއަށް ލައިފިއެވެ. ވަރަށް މަދުން ނޫނީ ނުކުރާ މިކަންތައް ކުރުމަށް އޮޕަރޭޝަނެއް ކޮށްފައިވާއިރު، މި އޮޕަރޭޝަން ވަނީ ކާމިޔާބުވެފައެވެ.

ބޭރުގެ ނޫސްތަކުން ބުނާ ގޮތުގައި މި އޮޕަރޭޝަން ކޮށްފައިވަނީ އިނގިރޭސިވިލާތުގައެވެ. މި އޮޕަރޭޝަން ކުރި އަންހެން މީހާ އަކީ އުމުރުން 26 އަހަރުގެ، ބީތަން ސިމްޕްސަން ނަމަކަށް ކިޔާ އިނގިރޭސި ރައްޔިތެކެވެ. އޭނާގެ ބަނޑަށް އޭރުވެފައިވަނީ ހަތަރު މަހާއި ބައެވެ.

މިދިޔަ މަހުގެ އަށްވަނަ ދުވަހު ބީތަންގެ މި އޮޕަރޭޝަން ކޮށްފައިވީނަމަވެސް، އާއްމުންނަށް މިކަން އެނގިފައިވަނީ ވަރަށް ފަހުންނެވެ.

ފޭސްބުކު މެދުވެރިކޮށް ބީތަން މިހާރުވަނީ މި ތަޖުރިބާ ކިޔައިދީފައެވެ.

ބީތަން ސިމްޕްސަން

އޭނާ ބުނެފައިވާ ގޮތުގައި އޮޕަރޭޝަންގެ ކުރިން އެކި ކަންކަން ބެލުމަށްޓަކައި އެތައް ތަހުލީލުތަކާއި، އެތައް ސްކޭންތަކެއް ކުރިއެވެ. އެގޮތުން އެމްނިޔޯސެންޓެސިސް ހަދާ، އެމްއާރްއައިވެސް ހަދާފައިވެއެވެ. ހަމައެހެންމެ، އެނޫންވެސް އެތައް ސްކޭނެއް ހަދާފައިވެއެވެ. މި ހުރިހާ ސްކޭންތަކެއް ކުރުމަށްފަހު އޮޕަރޭޝަން ކުރުމުގެ ހުއްދަ ލިބިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

މިއީ އެތައް ހިރާސްތަކެއް (ރިސްކު) ތަކެއް ހިމެނޭ އޮޕަރޭޝަނެކެވެ. އަދި އިނގިރޭސިވިލާތުގެ ތާރީޚުގައިވެސް މިކަން ކޮށްފައިވަނީ މަދު މީހެކެވެ. ބީތަން އަކީ މިކަން ކުރި ހަތަރުވަނަ އިނގިރޭސި މީހާކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާ އިތުރަށް ކިޔައިދީފައިވާ ގޮތުން، ނުވިހަނީސް ދަރިފުޅު ބަނޑުން ނެގުމަށްފަހު އަލުން ބަނޑަށް ލާން ޖެހުނީ ބަނޑުގައި ދަރިފުޅު އޮތްގޮތާއި، ހެދިބޮޑުވުމާ ގުޅިގެން ޑޮކްޓަރުން ބޭނުންވެގެންނެވެ. އެގޮތުން، ކުއްޖާގެ ބޯ އޮތީ އޮންނަން ޖެހޭ މިންވަރަށްވުރެ ކުޑަކޮށްކަމަށް ބުނެފައިވެއެވެ. އަދި ސްޕިނާ ބިފިޑާ ނަމަކަށް ކިޔާ ޙާލަތެއް ކުރިމަތިވިކަމަށް ބީތަން ބުނެފައިވެއެވެ.

އެހެންނަމަވެސް، ކުއްޖާގެ ސިކުނޑި ރަނގަޅުކަމަށާއި އަދި ޑޮކްޓަރުން ދޭން ޖެހޭ އެހެނިހެން ފަރުވާތައް ދިނުމަށްފަހު މަންމަގެ ވޫމްބް އަށް އަލުން ކުއްޖާ ލީއެވެ.

މިއީ ސައިންސާއި ޞިއްޙީ ފަންނިއްޔާތުގެ ރޮނގުން ދުނިޔެ ހޯދާފައިވާ ކުރިއެރުން ދައްކުވައިދޭ އޮޕަރޭޝަނެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    ވޫމްބު އަށް ދިވެހިން ކިޔާ ނަން ނޭނގިގެން އުޅޭޭހެން ވަރަށް ހީީވޭ. އާންމުކޮށް ކިޔާނީ ރަހިމު. އެއީ އަރަބި ބަހުން ނަގާފައިވާ ބަހެއް. މައުގަޅަ އަކީ ރަހިމަށް ކިޔާ މައް ދިވެހިބަސް. ތިޔަ ކުއްޖާ ރަހިމުން ނަގާފަ އަނެއްކާ ރަހިމަށް ލީޔޯ

    1
    1