ސަރްވެސްވަރަންއަކީ އަވަށްޓެރި އިންޑިޔާގެ ޗެންނާއީގައި ބަސް ޑްރައިވަރެއްގެ ގޮތުން މަސައްކަތް ކުރާ މީހެކެވެ. އޭނާ ދުވަހުގެ މަސައްކަތުގައި މަސްއޫލުވެ އުޅެނިކޮށް އިއްޔެ ނޫން ކުރީ ދުވަހު ވަނީ ހާޓް އެޓޭކެއްގެ ވޭނާ ކުރިމަތިލާން ޖެހިފައެވެ.

ފުރާނައަށްވެސް ނުރައްކާތެރި މި ހާލަތު ކުރިމަތިވިއިރު، ސަރްވެސްވަރަން އިނީ ބަހެއް ދުއްވާށެވެ. ދުއްވަން އިން ބަހުގައި އެވަގުތުވެސް 50 މީހުން ތިއްބެވެ.

ހާޓް އެޓޭކް ޖެހި، އޭނާގެ ފުރާނައަށް ނުރައްކާތަކެއް ވަމުން ދިޔަކަން އޭނާއަށް އިހުސާސްވަމުން ދިޔަކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވެއެވެ. އެހެންނަމަވެސް، ގަދަ ހިތްވަރެއް ލުމަށްފަހު އޭނާ މަސައްކަތް ކުރީ އޭނާގެ ޞިއްޙަތަށްޓަކައެއް ނޫނެވެ. ބަދަލުގައި މަސައްކަތް ކުރީ ބަހުގައި ތިބި ފަސިންޖަރުން ސަލާމަތްކުރުމަށެވެ.

ފަސިންޖަރުންގެ ނަސީބު ރަނގަޅުކަމުން، ނުރައްކާތެރި އެކްސިޑެންޓަކާ ކުރިމަތިނުވެ އެމީހުން ސަލާމަތްވިއެވެ. އެހެންނަމަވެސް، ސަރްވެސްވަރަންގެ ނަސީބު ރަނގަޅެއް ނޫނެވެ.

މަގުގެ އެއްފަރާތަށް ބަސް ހުއްޓުމަށްފަހު ފައިބައިގެން ދުއްވައިގަތީ ހޮސްޕިޓަލާ ދިމާއަށެވެ. ސަރަޙައްދުގައި ހުރި ޕްރައިވެޓް ހޮސްޕިޓަލަކަށް އޭނާ ދިޔައިރު، އެތަނުގައި މަސައްކަތް ކުރާ ޑޮކްޓަރުން ވަނީ އޭނާ ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް، އެކަން ނުވިއެވެ.

ސަރްވެސްވަރަން އަކީ ބަޠަލެއްގެ ދަރަޖައިގެ މީހަކަށް މިހާރުވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު