"ޓިކްޓޮކް" އެޕްލިކޭޝަން މެދުވެރިކޮށް، އަދަބާ ޚިލާފު އަދި އާއްމު އިޖުތިމާޢީ މިންގަނޑާ ޚިލާފު ކަންކަން ކުރުން، ރާއްޖޭގައި ވަނީ ވަރަށް އާއްމުވެފައެވެ. ދީނީ ގޮތުންވެސް ނަހީކުރައްވާފައިވާ އެތައް ކަމެއް، ޓިކްޓޮކް މެދުވެރިކޮށް ބައެއް ދިވެހިން ދަނީ ކުރަމުންނެވެ.

މިކަންކަމުގެ ސަބަބުން ރާއްޖޭގައިވެސް ޓިކްޓޮކް މަނާކުރުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ. ރާއްޖޭގައި އެތައް ބަޔަކު މިކަމަށް ގޮވާލަމުންދާއިރު، އަވަށްޓެރި އިންޑިޔާގެ ޓެމިލް ނާޑޫގައި މި އެޕްލިކޭޝަން މަނާކުރުމަށް ނިންމާފައިވާކަމަށް އެސްޓޭޓުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އިއްޔެ ކުރިއަށް ދިޔަ، ޓެމިލް ނާޑޫގެ މަޖިލީހުގެ ޖަލްސާގައި، އެސަރަޙައްދުގެ ސަރުކާރުގެ ބައެއް މިނިސްޓަރުން ބުނެފައިވަނީ ޓިކްޓޮކް މަނާކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށާއި، އެސްޓޭޓުގައި މި އެޕްލިކޭޝަން ބޭނުންކުރުމުގެ އެއްވެސް ފުރުސަތެއް ނުދޭނެކަމަށެވެ.

އެފަރާތްތަކުންވެސް ޓިކްޓޮކް މަނާ ކުރަން ބޭނުން ވަނީ މުޖުތަމަޢާ ނުގުޅޭ އުފެއްދުންތަކާއި ސަގާފަތާ ނުގުޅޭ އުފެއްދުންތައް އުފައްދާތީއެވެ.

ހަމައެހެންމެ، މުޅި އިންޑިޔާގައިވެސް ޓިކްޓޮކް މަނާކުރަން، މަރުކަޒީ ސަރުކާރުގެ ކިބައިން އެދޭނެކަމަށްވެސް ބުނެފައިވެއެވެ.

ޓިކްޓޮކް އަކީ ޗައިނާގެ ކުންފުންޏެއްކަމުގައިވާ ބައިޓްޑާންސް އިން އުފައްދާފައިވާ އަދި އެކުންފުނިން ހިންގަމުންދާ އެޕްލިކޭޝަނެކެވެ. ލަވަޔާއި އޯޑިޔޯ ކްލިޕުތައް ވީޑިޔޯއަށް އެއްކޮށްގެން އުފެއްދުންތައް، މި އެޕްލިކޭޝަނުން ހެދެއެވެ.