މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިންސްޓާގްރާމްގެ އިތުރުން މުޅި މީސް މީޑިއާގައިވެސް މަޝްހޫރުވި ވީޑިއޯއެކެވެ. އުމުރުން އެންމެ ހަތް އަހަރު ކުއްޖަކު 100 މީޓަރުގެ ސްޕްރިންޓް 13.4 ސިކުންތުން ނިންމާ ރަން މެޑަލް ހޯދާ ރޭހެއްގެ ވީޑިއޯއެވެ.

ލެބަރޯން ޖޭމްސް ފަދަ މަޝްހޫރު އެތުލީޓުންގެ ތެރޭގައިވެސް އެ ކުޑަކުއްޖާގެ ވާހަކަ މަޝްހޫރުވެފައިވާ އިރު، އެއީ "ދެވަނަ ބޯލްޓް"ކަމަށް އެތައް ބަޔަކު ސިފަކުރެއެވެ. އަދި މިހާރުވެސް ހާއްސަ ނަމަކުން އޭނާ ވަނީ މަޝްހޫރު ވެފައެވެ. ރުޑޯލްފް އިންގްރާމް ނަމަކަށް ކިޔާ އެމެރިކާގެ ކުއްޖާއަށް މިހާރު ދީފައިވާ ހާއްސަ ނަމަކީ "ބްލޭޒް ދަ ގްރޭޓް"އެވެ.

ރުޑޯލްފްއަކީ އޭނާގެ އުމުރުފުރާގައި އެމެރިކާގެ ގައުމީ ރެކޯޑުވެސް އޮންނަ އެތުލީޓެވެ. ރުޑޯލްފަށް ލިބުނު ކުއްލި މަޝްހޫރު ކަމާއެކު އޭނާގެ އިންސްޓާ ގްރާމާއި ޓްވިޓާވެސް ވެރިފައި ކޮށްފައިވާ އިރު، އޭނާގެ އިންސްޓާގްރާމް ފޮލޯވާސްގެ އަދަދު ވަނީ ކުއްލިއަކަށް 30000 އަށް އަރާފައެވެ.

ރުޑޯލްފްގެ އިންސްޓާގްރާމް ހިންގަނީ އޭނާގެ ބައްޕައެވެ. އިންސްޓްގްރާމް ބައޯގައި ބުނެފައި ވަނީ އޭނާއަކީ ހަމައެކަނި އެތުލީޓެއްގެ އިތުރުން ފިޓަންސް މޮޑެލްއެއް ކަމަށެވެ. ރުޑޯލްފްގެ ބައްޕަ ބުނެފައި ވަނީ އޭނާގެ ދަރިފުޅު ގިނަ ބަޔަކު ލޮލުގައި އަޅައިގަތުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ނަމަވެސް، ބޭނުން ވަނީ އާދައިގެ ދިރިއުޅުމެއްގައި ގެންގުޅެން ކަމަށެވެ.

ރުޑޯލްފްގެ ބައްޕަ ބުނެފައި ވަނީ އޭނާގެ ދަރިފުޅު އުމުރުން ހަތަރު އަހަރުން ފެށިގެން ތަމްރީނުތައް ހަދަމުން އަންނަ ކަމަށާއި، ރުޑޯލްފަކީ އޭނާގެ އުމުރު ފުރާއިން 200 މީޓަރާއި 100 މީޓަރުގެވެސް ރެކޯޑު އޮންނަ އެތުލީޓު ކަމަށެވެ.

އުމުރުން ހަތް އަހަރުގެ ރުޑޯލްފަށް އެންމެ ބޮޑަށް މީހުން ޝައުގުވެރިވި އެއް ސަބަބަކީ އޭނާގެ ސްޓައިލެވެ. ބާރު ދުވެލީގެ އިތުރުން އޭނާއަކީ ސްޓައިލިޝް ކުއްޖެކެވެ. މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ލެބަރޮން ޖޭމްސްވެސް އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ އެއީއެވެ.

ކިޔުންތެރިންގެ ހިޔާލު