ކަޝްމީރުގައި އިންޑިއާގެ ސިފައިންނަށް އަމާޒުކޮށް ދިން ޖާނުންފިދާވުމުގެ ހަމަލާގައި އިންޑިއާ ސިފައިން 44 މީހުން މަރުވި މައްސަލާގައި ޕާކިސްތާނު ކުއްވެރި ނުކުރުމުން މަޝްހޫރު ކޮމެޑީ ޝޯވ، ''ދަ ކަފީލް ޝަރްމާ ޝޯ''ގެ ދާއިމީ ގެސްޓް، ނަވްޖޫތް ސިންހް ސިއްދޫ އެ ޝޯވ އިން ވަކިކޮށްފިއެވެ.

ބައެއް ނޫސްތަކަށް ޕަންޖާބް ސްޓޭޓްގެ ކެބިނެޓް މިނިސްޓަރުގެ މަގާމުވެސް އަދާކުރަމުންދާ ސިއްދޫ ދިން އިންޓަވިއުއެއްގައި ބުނީ ހަމަލާގައި އިިނގިލި ދިއްކުރަން ޖެހޭނީ ސީދާ އެކަން ކުރި މީހުންނަށް ކަމަށެވެ.

"މުޅި ޕާކިސްތާނަށް އިނގިލި ދިއްކުރާކަށް ނުޖެހޭ. އިިނގިލި ދިއްކުރަން ޖެހޭނީ ސީދާ އެކަން ކުރި މީހުންނަށް" ސިއްދޫ ބުންޏެވެ.

ސިއްދޫގެ މި ވާހަކަ ތަކާއި މެދު ހިންހަމަ ނުޖެހި ޓްވިޓާގައި ބައެއް މީހުން ގޮވަމުން ދިޔައީ އޭނާ އެ ޝޯ އިން ވަކިކުރަން ޖެހޭ ކަމަށެވެ.

އިންޑިއާއިން އަޅުވެތި ކޮށްފައިވާ ކަޝްމީރުގެ ޕުލްވަމާ އޭރިއާގައި މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާގައި އިންޑިއާ ސިފައިންގެ 44 މީހުން ވަނީ މަރުވެފަ އެވެ.

ބުރާސްފަތި ދުވަހު ދިން ހަމަލާއަކީ 2002 ވަނަ އަހަރުގެ ފަހުން ކަޝްމީރުގައި ދިން އެންމެ ނުރައްކާ ހަމަލާ އެވެ. މިހަމަލާ ދީފައިވަނީ ގޮވާތަކެތިން ފުރާފައިވާ ކާރެއްގޮސް އިންޑީޔާގެ ސިފައިން ދުއްވަމުން ދިޔަ ބަސްތަކެއްގައި ޖައްސާލައެވެ. 78 ބަހުގައި 2,700 އަށްވުރެ ގިނަ ސިފައިން ދަތުރު ކުރަމުުން ދިޔައީ ހައިވޭއެއްގައި ސްރީނަގަރަށެވެ.

ކަޝްމީރުގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންނަށް ދިން ޖާނުންފިދާވުމުގެ ހަމަލާއަކީ ހެދުނު ގޯހެއް ކަމަށާއި، ވަރުގަދަ ރައްދެއް ދެއްވާނެ ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދެރަ މޯދީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން ބޮޑު ބައެއް ހިފާފައިވާ ކަޝްމީރަށް އިންޑިއާ އަދި ޕާކިސްތާނުން ވެސް ދަނީ މިލްކުވެރިކަމަށް ދައުވާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު