ބޮލީވުޑްގެ މަޝްހޫރު ދެތަރި ރަންވީރު ސިންހާއި އާލިއާ ބަޓް ލީޑު ރޯލުން ފެނިގެންދާ "ގަލީ ބޯއީ" ރިލީޒް ކުރިތާ ދެ ދުވަހުގެ ތެރޭގައި 32.50 ކްރޯޑު ރުޕީސް ވަނީ ލިބިފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފިލްމު ރިލީޒުކުރިއިރު ގިނަ ބެލުންތެރިނަ އަންނަނީ ފިލްމަށް ތައުރީފު ރައްދު ކުރަމުންނެވެ. ޒޯޔާ އަކްތަރު ޑައިރެކްޓުކޮށް ނެރެފައިވާ މި ފިލްމު އެޅުވި ދުވަހު އެކަނި ވެސް 19.40 ކްރޯޑު ލިބިފައެވެ. މި ފިލްމު ވެގެން ގޮސްފައިވަނީ އާލިއާ ލީޑު ބަތަލާގެ ރޯލުން ފެނިގެންދާ ފިލްމަކަށް މިހާ ބޮޑު ކާމިޔާބެއް ފިލްމު އެޅުވި ދުވަހު ލިބުނު ފުރަތަމަ ފަހަރެވެ. ފިލްމު އެޅުވި ފުރަތަމަ ދުވަހު، ރަންވީރު ލީޑުން ފެންނަ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބެއް ލިބިފައި ވަނީ "ސިމްބާ" އަށެވެ.

ދެ ވަނަ ދުވަހު ފިލްމަށް 13.10 ކްރޯޑު ލިބުނުއިރު ޖުމްލަ 32.50 ކްރޯޑު ދެ ދުވަހުން ފިލްމަށް ލިބިފައިވާކަމަށް އިންޑިއާގެ މަޝްހޫރު ފިލްމު ޓްރޭޑް އެނަލިސްޓެއް ކަމަށްވާ ތަރަން އަދާޝް ބުނެއެވެ.

މި ފިލްމަށް ބޮޑު ކާމިޔާބެއް ލިބެމުންދަނިކޮށް ޓަމިލް ރޮކާޒްއިން ވަނީ ފިލްމު ލީކުކޮށްލާފައެވެ. މިފަހަކަށް އައިސް ފިލްމުތައް ލީކުކުރާ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. މީގެ އިތުރުން ކަންގަނާގެ މަނިކަރްނިކާ: ކުއީން އޮފް ޖާންސީ ވެސް ވަނީ ޓަމިލް ވެބްސައިޓަކުން ލީކު ކޮއްލާފައެވެ.

މިދިޔަ ހަފްތާ ޖަރުމަނުގައި ކުރިއަށް ގެންދިޔަ 69 ވަނަ ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި"ގަލީ ބޯ" ވަނީ ޕްރިމިއާ ކޮށްފައެވެ.

އެ ފިލްމުގައި ރަންވީރާއި އާލިއާގެ އިތުރުން ދެން ފެނިގެން ދާނީ ސިދާންތު ޗަތުރުވޭދީ، ކަލްކީ ކޮއެޗްލިން، ވިޖޭ ރާޒް އަދި އަމްރުތާ ސުބާޝްއެވެ.

"ގަލީ ބޯއީ" ގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ އިންޑިއާގެ އަންޑަގުރައުންޑް ރެޕް އާޓިސްޓުން ކަމުގައިވާ ޑިވައިން އަދި ނޭޒީގެ ހަޔާތުގެ މައްޗަށެވެ.