ބޮލީވުޑްގެ މަޝްހޫރު ބަތަލު އަރުޖުން ރަމްޕަލް އާއި ސައުތު އެފްރިކާ މޮޑެލް ގަބްރިއެއްލާ ޑެމޭޓްރިއާޑެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުތައް އިނޑިޔާގެ ނޫސް ތަކުގައި ފެތުރެމުންދަނިކޮށް އެކަން އަރްޖުން ވަނީ ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އަރްޖުން ވަނީ ލޯބިވެރިންގެ ދުވަހުގެ ތަހުނިޔާ ހުރިހާ ލޯބިވެރިންނަށް ފޮނުވައިފައެވެ. އެގޮތުން އެ ތަހުނިޔާ އަރްޖުން ފޮނުވާފައި ވަނީ ގަބްރިއެއްލާ އާ އޭނާ ނަގާފައިވާ ފޮޓޯއެއް ހިއްސާކުރުމަށް ފަހެވެ.

އަރުޖުން ރަމްޕަލްއާ މެހެރް ޖެސިކާ އެމީހުންގެ 20 އަހަރުވީ ކައިވެނި ރޫޅާލާފައި ވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. ނަމަވެސް އުމުރުން 31 އަހަރުގެ ގަބްރިއެއްލާ މިހާތަނަށް ކައިވެންޏެއް ކޮށްފައެއް ނުވެއެވެ.

އެކްޓްރެސްއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ ގަބްރިއެއްލާ އަންނަނީ ބޮލީވުޑުގެ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތަކަށް ބަލަމުންއެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ނެރުނު ފިލްމު "ސޮނާލީ ކެޕަބަލް" ފިލްމުގައި ވެސް މަސައްކަތްކޮށްފައެވެ. އަދި އަދިތްޔާ ނާރަޔަންގެ މިއުޒިކް ވީޑިއޯއަކުން ވެސް އޭނާ ވަނީ ފެނިގެން ގޮސްފައެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އަރުޖުން އެންމެ ފަހުން މަސައްކަތްކޮށްފައިވަނީ ޖޭޕީ ދައްތާ ޑައިރެކްޓުކޮށް ނެރެފައިވާ ފިލްމު "ޕަލްތަން" އިންނެވެ. އެފިލްމު ވަނީ ފުލޮޕު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު