އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް އުފަންވެ ވަޑައިގަންނަވަން އުޅުއްވާ ރަސްދަރިކަލުންނަށް މަރުޙަބާ ދެންނެވުމަށް އިނގިރޭސިވިލާތާއި ދުނިޔެ ދަނީ ތައްޔާރުވަމުންނެވެ. މޭގަން އާއި ހެރީ ވެސް އަލަތު ދަރިފުޅަށް މަރުޙަބާ ދަންނަވަން ގެންދަވާނީ ތައްޔާރު ވަމުންނެވެ.

މިއަދު ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމެރިކާގައި ދިރިއުޅޭ މޭގަންގެ ރަހުމަތްތެރިންނާއި އެކު ބޭބީ ޝަވާއެއް ބެއްވުމަށް މޭގަން ވަނީ އިއްޔެ އެމެރިކާ އަށް ގޮސްފައެވެ.

މޭގަން އެމެރިކާ އަށް ކުރާ ކުރު ދަތުރުގައި ފުރަތަމަ އިއްޔެ ދިޔައީ އެމެރިކާގެ ނިއުޔޯކަށެވެ. އެއަށް ފަހު އޭނާގެ މަންމަ ޑޯރިއާ މިހާރު ވެސް ދިރިއުޅެމުން އަންނަ ލޮސް އެންޖެލިސް އަށް މޭގަން ދަތުރު ކުރާނެއެވެ. އެނބުރި އިނގިރޭސިވިލާތައް ވަޑައިގެންނެވުމުގެ ކުރިން ވަރަށް ހާއްސަ މަދު ރަހުމަތްތެރިންތަކަކާއި އެކު މޭގަން ބޭބީ ޝަވާއެއް ބާއްވާނެއެވެ.

މޭގަން އާއި ފިރިކަލުން ހެރީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގެ މިހަފްތާގައި މޮރޮކޯ އަށް ވަޑައިގަންނަވާނެއެވެ.

މޭގަން ވިހާނެ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނަނީ އަންނަ އޭޕްރިލް މަހު އެވެ. ނަމަވެސް މޭގަން ވިހާނެ ތާރީޚެއް އަދި ޝާހީ އާއިލާ އިން ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

މޭގަން އެމެރިކާ އަށް ކުރު ޗުއްޓީއެއްގައި ގޮސްފައި ވާއިރު އިނގިރޭސިވިލާތުގެ މީޑިއާތަކުން އޭނާއަށް މާބޮޑަށް ފާޑުކިޔާ ކަމަށް ބުނެ ބައެއް މީހުން ދަނީ އިނގިރޭސިވިލާތުގެ މީޑިއާތަކަށް ފާޑުކިޔަމުންނެވެ. މޭގަން އިނގިރޭސިއަކަށް ނުވުމުންނާއި ކަޅު ނަސްލުގެ މީހަކަށް ވުމުން އިނގިރޭސިވިލާތުގެ މީޑިއާތަކުން އޭނާ އަަށް މާބޮޑަށް ޒާތީ ވަނީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.