ރަޝިއާގެ 22 އަހަރުގެ ޒުވާނަކު އޭނާގެ މަންމަ އާއި ބައްޕަ އަދި އެއްބަނޑު އެއްބަފާ ކޮއްކޮ މަރާލަން މީހަކާއި ހަވާލުކޮށް، ގޭގައި ކެމެރާ ހުންނާނެ ގޮތާއި، ކުއްތާ އޮންނާނެތަނާއި، މައިންބަފައިންނާއި ކޮއްކޮ ގޭގައި އުޅޭނެ ގަޑި ކިޔައިދީ ހުރިހާ މައުލޫމާތެއް ދިން ފަހުން ހީވެސް ނުކުރާ ގޮތަކަށް އެކަން ބޭޒާރު ވެއްޖެއެވެ.

މިޒުވާނާ އޭނާގެ އާއިލާގެ ހުރިހާ މެންބަރުން މަރާލަން ބޭނުންވީ އާއިލާގެ ފައިސާތައް ހޯދާށެވެ. އެހެންކަމުން ފައިސާ އަށް އެކަން ކޮށްދޭނެ މީހަކު އޭނާ ހޯދިއެވެ. ނަމަވެސް ކަންތައް ދިމާކުރި ގޮތުން އާއިލާގެ ހުރިހާ މެންބަރުން މަރާލުމުގެ މަސައްކަތް ހަވާލުކުރެވުނީ އިންޓެލިޖެންސް ފުލުހަކާއި އެވެ.

މިޒުވާނާ އަތުލައިގަތުމަށްޓަކައި ފުލުހުން ވަނީ ފޭކް މޭކަޕެއް ކުރުވާ އޭނާގެ މަންމަ އާއި ބައްޕަ އާއި ކޮއްކޮ މަރާލާފައިވާ މަންޒަރު ފެންނަ ފޮޓޯ އެޒުވާނާ އަށް ފޮނުވާފައެވެ. އެއާއި އެކު އޭނާ ވަނީ އާއިލާ މެންބަރު "މަރާލައި ދިން" މީހާ އަށް ފައިސާ ވެސް ދީފައެވެ.

ނަމަވެސް ފައިސާ ހަވާލުކުރި ވަގުތު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އޭނާގެ ނަމެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނީ އޭނާ މިހާރު އާއިލާގެ ހުރިހާ މެންބަރުން މަރާލަން ރޭވި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. މީގެ ކުރިން ދެފަހަރެއްގެ މަތިން އާއިލާގެ ހުރިހާ މެންބަރުން މަރާލަން ރޭވި ކަމަށް ވެސް އޭނާ ވަނީ އެއްބަސްވެފައެވެ.

އޭނާ މިހާރު ހުރީ ފުލުހުންގެ ބަންދުގައެވެ.

ކިޔުންތެރިންގެ ހިޔާލު