އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ނިންމާފައިވާ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" ޕާކިސްތާނުގައި ނުދައްކާ ގޮތަށް ނިންމައިފި އެވެ. މި ފިލްމް ޕާކިސްތާންގައި ނުދައްކަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އިންޑިިޔާގެ ސިފައިނަށް ދިން ހަމަލާ އާއި ގުޅިގެންނެވެ.

މި ހަމަލާ އާއި ގުޅިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު އަންނަނީ ޕާކިސްތާނުގެ ފިލްމީ ތަރިންނާއި ލަވަކިޔުންތެރިންނާއި އެ ނޫން ވެސް އާޓިސްޓުންނަށް އިންޑިއާ އިން ފުރުސަތު ނުދީ އެ މީހުން ބޮއިކޮޓްކުރަން ގޮވާލަމުންނެވެ.

މިކަމުގެ ސަބަބުން "ޓޯޓަލް ދަމާލް" ވެސް ޕާކިސްތާނުގައި ނުދައްކަން ނިންމިކަން އަޖޭ ދޭވްގަން ކުރި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށް ދީފަ އެވެ. ކަޝްމީރު ޕުލްވާމާ ޑިސްޓްރިކްޓްގައި ދިން ހަމަލައާ ގުޅިގެން މަރުވި ސިފައިންގެ އޮފިސަރުންގެ އާއިލާތަކަށް އެހީވުމުގެ ގޮތުން "ޓޯޓަލް ދަމާލް" ގެ ޓީމުން ވަނީ 50 ލައްކަ ރުޕީސް ވެސް ހަދިޔާކޮށްފަ އެވެ.

މި ފިލްމަކީ އިންދަރު ކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުން ފެނިގެން ދާނީ އަޖޭގެ އިތުން މަދޫރީ ޑިކްސިޓް، އަނިލް ކަޕޫރް، އަރުޝަދު ވަރްސީ، އީޝާ ގުޕްތާ، ޖާވިދު ޖެފްރީ، ރިތޭޝް ދޭޝްމުކް އަދި އަރުޝަދު ވަރްސީ އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން މިހާރު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު، ޕާކިސްތާނަކީ އިންޑިއާގެ ފިލްމުތަކަށް ބޮޑު މަގުބޫލެއް ކަމެއް އޮންނަ ގައުމެކެވެ. ނަމަވެސް ދެ ގައުމުގެ ދޭތެރޭގައި އުފެދޭ ހަމަނުޖެހުން ތަކާއި ގުޅިގެން މަދު މަދުން ނަމަވެސް އިންޑިއާގެ ފިލްމުތައް އެ ގައުމުގައި ދެއްކުން މަނާ ކުރެ އެވެ.