އެންމެންނަކީވެސް އެބައެއްގެ ހަޔާތުގައި އެބަޔަކަށް ހެޔޮއެދޭ ރަނގަޅު އެކުވެރިން ބޭނުންވާނޭ ބައެކެވެ. ނަމަވެސް ބައެއް ފަހަރު އެފަދަ ރަނގަޅު އެކުވެރިޔެއްގެ ކިބައިން ފެންނަން ޖެހޭ ސިފަތަކަކީ ކޮބައިކަން ނޭނގިވެސް ހިނގައިދާނެއެވެ.

މި ދަންނަވާ ސިފަތައް އެ ފަރާތެއްގެ ކިބައިން ފެންނަ ނަމަ އެއީ އުމުރު ދުވަހުވެސް ދޫކޮށް ނުވާނޭވަރުގެ އެކުވެރިޔެކެވެ.

އެންމެ ފުރަތަމަ ސިފަ އަކީ ތިބާއަކީ ފުރިހަމަ މީހެއް ނޫންކަން ދަންނަ މީހަކަށްވެ ތިބާއަށް ކުރެވޭ ކުށްކުށަށް މަލާމާތްކޮށް ހަދައި ނުވަތަ މައްސަލަ އުފައްދައި ނުވަތަ ތިބާއާއި ދޭތެރޭ މުޅިން އެހެން ނަޒަރަކުން ދެކޭ މީހަކަށް ނުވުމެވެ. އަދި ދުވަހަކުވެސް ތިބާގެ ސިއްރެއް ފަޅާއަރުވައިނުލާ ތިބާގެ އިތުބާރު ގެއްލުވާނުލާ މީހަކަށްވުމެވެ.

އަބަދުވެސް ތެދު ހަގީގަތަށް ވާހަކަދައްކައި ހަދާ މީހުންނަކީވެސް ރަނގަޅު އެކުވެރިންނެވެ. ކިތަންމެ ގިނަ ދުވަހަކު ވާހަކަ ނުދައްކައި ދުރުގައި ތިބި ނަމަވެސް ދެން އެންމެ އަވަހަށް ދެ މީހުން ދިމާވާ ދުވަހަކުން އަބަދުވެސް ކައިރީގައި ތިބި ފަދަ ގޮތަކަށް އުޅޭ މީހުންނަށް ރަނގަޅު އެކުވެރިން ވާންޖެހޭނެއެވެ. އެކަކަށްވެސް ނޭނގޭ ކަންކަން ތިބާއަށް އެމީހަކާއި އެކު ހިއްސާކުރެވެން ޖެހޭނެއެވެ.

އެހެން މީހުން ކައިރީގައި ތިބާއާއި ބެހޭގޮތުން ގޯސްކޮށް ވާހަކަދައްކައި ހަދާ މީހަކަށްވެސް އެމީހަކު ވެގެންނުވާނެއެވެ. އަދި ކަމެއް ޖެހިގެން ނުވަތަ އެހީއަކަށް ބޭނުންވާ ފަހަރަކު އެމީހުންގެ ކިބައިން އަބަދުވެސް އެ އެހީއެއް ލިބޭނޭކަމުގެ ޔަގީންކަން އޮންނަ މީހުންނަކީ ރަނގަޅު އެކުވެރިންނެވެ. އެހީވެވެން އޮތް ގޮތަކުން އެމީހުން އެހީވާނޭއިރު ތިބާއާއި ހިތާމަވެރި ކަމެއް ކުރިމަތިވުމުން އަބަދުވެސް ތިބާ އުފާކޮށްދޭން ދަންނަ ނުވަތަ އުފާކުރަން މަސައްކަތްކުރާ މީހުންނަށްވެސް އެމީހުން ވާންޖެހޭނެއެވެ. މިފަދަ އެކުވެރިޔެއް ހުރުމުގެ ނަސީބު ލިބިފައިވޭތޯ؟