ދެހާސް އެއްވަނަ އަހަރު ޝަންކަރު ޑައިރެކްޓްކޮށް ނެރުނު ކާމިޔާބު ފިލްމު "ނަޔަކް"ގެ ދެވަނަ ބަޔަށް ޝައުގުވެރިކަން ހުރި ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރު ބުނެފިއެވެ.

އިންޑިއާގެ ރޭޑިއޯ ޗެނަލަކަށް ދިން އިންޓްވިއުއެއްގައި ވާހަކަ ދައްކަމުން އަނިލް ބުނީ، "ނަޔަކް" އަކީ ޝައުގުވެރި ގޮތަކަށް ވާހަކަ ކުރިއަށް ގެންދެވި ދާނެ ފިލްމެއް ކަމަށެވެ. އޭނާ އެހެން ބުނެފައިވަނީ މާދަމާ ސިނަމާތަކަށް ގެންނަ ފިލްމު "ޓޯޓަލް ދަމާލް"ގެ ޕްރޮމޯޝަނަލް އިވެންޓެއްގެ ތެރެއިންނެވެ.

"ނަޔަކް"ގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ އެންމެ ދުވަހަކަށް މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރުގެ މަގާމާ ހަވާލުވާ މީހެއްގެ މައްޗަށެވެ. އެ ފިލްމުގައި އަނިލްއާއެކު ބަތަލާގެ ރޯލުން ފެނިގެންދިޔައީ ރާނީ މުކަރްޖީއެވެ.

މިއަހަރު އަނިލްގެ ގިނަ ފިލްމުތަކެއް ރިލީޒްވާނެއެވެ. މިހާރު އޭނާ ޝޫޓްކުރަމުން ދަނީ "ޕާގަލްޕަންތީ"ގެ މަަސައްކަތުގައެވެ. އެ ފިލްމުގެ މަންޒަރުތައް ނަގަނީ އިނގިރޭސިވިލާތުގައެވެ.

"ޓޯޓަލް ދަމާލް" ގައި އަނިލް ކަޕޫރް އާއިއެކު ފެނިގެން ދާނީ މާދުރީ އެވެ. އަދި ބޮމަން އިރާނީ އާއި އަޖޭގެ އިތުރުން ރިތޭޝް ފެނިގެން ދާނެއެވެ.