މީސް މީޑިއާގެ ސަމާލުކަން ހޯދަން މޮޅު ގޮތަކަށް ހަދަން އުޅުނު ސްޓަންޓު ފެއިލްވެ ޖެހި ވަޒަން ލޯބިވެރިއާގެ މެޔަށް އަރައި އެމެރިކާގެ މާބަނޑު އަންހެނަކު ޖަލަށް ދާން ޖެހިއްޖެއެވެ.

އެމެރިކާގެ މިނެސޮޓާގެ އުމުރުން 20 އަހަރުގެ މޮނަލިސާ ޕެރެޒް ވަނީ އޭނާގެ ޓްވިޓާ އެކަންޓު މެދުވެރިކޮށް އޭނާގެ ލޯބިވެރިޔާ 22 އަހަރުގެ ޕެޑްރޯ ރުއިޒް އާއި ގުޅިގެން އާދަޔާ ހިލާފު ސްޓަންޓެއް ކުރާ ވީޑިއޯ އެއް ހަދާނެ ކަމަށް އިއުލާން ކޮށްފައެވެ.

އެގޮތުން މި ސްޓަންޓް ހެދުމަށް މޮނަލިސާ ޕެރެޒް ވަނީ އޭނާގެ ލޯބިވެރިޔާ ޕެޑްރޯ ރުއިޒްގެ މޭމަތީގައި 1.5 އިންޗިގެ ބޯމިނުގެ ފޮތެއް ބޭއްވުމަށް ފަހު މެއާ ދިމާލަށް ފިސްތޯލައެއް ބޭނުންކޮށްގެން އެއް ފޫޓު ދުރުން ވަޒަނެއް ފޮނުވާލާފައެވެ. މި ވަޒަން ފޮނުވާލީ 1.5 އިންޗިގެ ބޯމިނުގެ ފޮތެއް ބޭނުންކޮށްގެން ވަޒަން ހުއްޓުވުމަށެވެ.

ނަމަވެސް މިސްޓަންޓު ފެއިލްވެ ފޮތް ފޫޢަޅުވާލުމަށްފަހު ޕެޑްރޯގެ މެއަށް ވަޒަން ވަނުމުން ލިބުނު ޒަހަމުތަކުގައި އޭނާވަނީ މަރުވެފައެވެ.

މި ދިޔަ އަހަރުގެ ޖޫން މަހު ހިނގި އެ ހާދިސާގައި އެމެރިކާގެ މިނެސޯޓާގެ ކޯޓަކުން މޮނަލީސާ ހަ މަހަށް ޖަލަށްލުމަށް ޙުކުމް ކުރީ މިދިޔަ ހަފްތާގައެވެ.

މި ނުރައްކާތެރި ސްޓަންޓު ހެދުމަށް ނިންމާފައިވަނީ ޕެޑްރޯ އެދިގެން ކަމަށް މޮނަލިސާވަނީ ބުނެފައެވެ. ހަ މަހުގެ ޖަލު ހުކުމާއެކު ދުވަހަކު ވެސް މޮނަލިސާއަށް ބަޑި ނުގެންގުޅެވޭނެ ކަމަށް ވެސް ހުކުމްކޮށްފައިވެއެވެ.

މޮނަލިސާއަށް ހަމަހުގެ ހުކުމެއް އިއްވާފައިވަނީ އޭނާއަކީ ކުޑަ ދެކުއްޖެއްގެ މަޔަކަށްވާތީ އެކަމަށް ވެސް ބެލުމަށް ފަހުއެވެ.

އެމެރިކާގެ މިނެސޯޓާގެ ކޯޓުން ވަނީ މޮނަލިސާ ޕެރެޒް ހިންގި އަމަލަކީ ދެވަނަ ދަރަޖައިގެ ގަތުލެއް ކަމަށް ނިންމާފައެވެ. އެއީ މިހަކު މަރުވެދާ ފަދަ އަމަލެއް ހިންގުމެވެ.

 

ކިޔުންތެރިންގެ ހިޔާލު