އިންޑިއާގެ މުމްބާއީގެ އަވަށެއްގައި ހުރި 200 ފޫޓް ފުން ވަޅަކަށް ވެއްޓުނު ހައަހަރުގެ ކުއްޖަކު 16 ގަޑިއިރު ފަހުން ދިރިހުއްޓާ ސަލާމަތް ކޮށްފިއެވެ.

ރަވީ ޕަންޑިތް ބިލް ނަމަކަށް ކިޔާ ކުއްޖާ ވަޅަށް ވެއްޓުނީ ރަހުމަތްތެރި ކުދިންތަކަކާއި އެކު ކުޅެން އުޅެނިކޮށެވެ.

ރަވީ ވަޅަށް ވެއްޓުނު އިރު އޭނާގެ ބައްޕަ ވެސް އެސަރަހައްދާއި ކައިރީގައި މަގެއް ހެދުމުގެ މަސައްކަތުގައި އުޅުނެވެ. ރަވީ ވަޅަށް ވެއްޓުމާއި އެކު ކައިރީގައި އުޅުނު ކުދިން ވަނީ ރަވީގެ ބައްޕަ އަށް ގޮވާލާފައެވެ.

ރަވީ ވަޅުން ނެގުމުގެ މަސައްކަތް ކޮށްފައި ވަނީ އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރިލީފް ފޯސް އިންނެވެ. ފުރަތަމަ ވަނީ ވަޅުގެ އެތެރެއަށް އޮކްސިޖަން ފޯރުކޮށްދޭން ފަށާފައެވެ. އެއަށް ފަހު ވަޅު ހިމަ ކަމުން ވަޅު އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރިއެވެ. އެމަސައްކަތް ކުރީ ވަރަށް ވިސްނުންތެރިކަމާއި އެކު އެވެ. އެއީ ވެލިތަކެއް ވަޅުގެ އެތެރެއަށް ފައިބާ ރަވީ އަށް އިތުރު ގެއްލުމެއް ލިބިދާނެތީ އެވެ.

ރަވީ ސަލާމަތް ކުރެވުނީ އެމަސައްކަތްތުގައި އުޅުނު މީހުން މެދުކެނޑުމެއް ނެތި 16 ގަޑިއިރު މަސައްކަތް ކުރި ފަހުންނެވެ.

މިދިޔަ އޮކްޓޯބަރ މަހު އިންޑިއާގެ ގުޖްރާތުގައި 18 މަހުގެ ފިރިހެން ކުއްޖަކު ވެސް ވަޅަކަށް ވެއްޓުނެވެ. ނަމަވެސް އެކުއްޖާ ސަލާމަތް ނުކުރެވިގެން އުޅެނިކޮށް ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު