އިންޑިޔާގެ މުންބާއީއަށް އުފަން މައްޝޫރު ފިލްމު ޑައިރެކްޓަރު ހެންސުލް މެހްޓާ، ސްރީ ދޭވީގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ނިންމައިފިއެވެ.

އިންޑިޔާގެ ރިޕޯޓްތައް ބުނާގޮތުން، ސްރީ ދޭވީ އާއިއެކު ފިލްމެއް ޑައިރެކްޓް ކުރެވިފައިވާ ނުވާތީ، މެހްތާ އެކަމާ ވަރަށް ހިތާމަ ކުރެއެވެ. އޭނާ ބުނާގޮތުގައި އަބަދުވެސް ސްރީ ދޭވީ ލައްވާ އޭނާގެ ފިލްމެއް ކުޅެން ބޭނުންވެއެވެ. ނަމަވެސް އެކަން ނުކުރެވި އުޅެނިކޮށް، ސްރީ ދޭވީގެ ކުއްލި ވަކިވެ ދިޔުމުން އިތުރަށް މާޔޫސްކަން ގެނުވިއެވެ.

"ސްރީ ދޭވީހައި ކުޅަދާނަ އެހެން ސްރީ ދޭވީއެއް ނުހުންނާނެ. އޭނާ ލައްވާ ފިލްމެއް ނުކުޅެވުނީމަ ވަރަށް ދެރަވޭ. މިފަހަރު އަހަރެން މި ފިލްމު މި ހަދައިދެނީ އޭނާގެ ހަޔާތަށް." އިންޑިޔާގެ ނޫހަކަށް މެހްޓާ ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

"އަހަރެން މި ވިސްނަނީ އެކްޓްރެސްއެއްގެ ރޯލަށް ވިދްޔާ ހަމަޖައްސަން." އިތުރަށް އޭނާ ބުނެފައިވެއެވެ.

މުޅި ބޮލީވުޑަށް ސިހުން ގެނުވައި، ކުޅަދާނަ ފިލްމީ ތަރި ސްރީ ދޭވީ އެންމެންނާއި ވަކިވެ ގޮސްފައިވަނީ މި ދިޔަ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ދުބާއީގައެވެ. އޭނާ މަރުވެފައިވަނީ، އާއިލާ މީހެއްގެ ކައިވެނި ހަފްލާއަކަށް ދުބާއީއަށް ގޮސް އުޅެނިކޮށް ބާތު ޓަބަށް ގެނބިގެން ކަމަށްވެސް ޚަބަރުތައް ބުނެއެވެ.