އަންނަ މާޗް މަހު ނެރުމަށް ހަމަޖެހިފައިވާ ނޯޓް ބުކްގެ ޓްރެއިލާ ނެރެފިއެވެ. ޒަހީރު އިގްބާލް ބޮލީވުޑަށް ތައާރަފުވާ ފިލްމު "ނޯޓްބުކް"ގެ ޓްރެއިލާ ނެރެފައިވަނީ އިއްޔެއެވެ.

ލީޑު ރޯލުން ޒަހީރު އާއި ޕްރަނުތަން ބަލެ ފެނިގެންދާ ނޯޓް ބުކްގެ ޓްރެއިލާ ނެރެފައިވާއިރު ގިނަ ބަޔަކަށް ވަނީ އެޓްރެއިލާ ވަރަށް ކަމުގޮސްފައެވެ. އަދި ދެފަންނާނުންގެ ވެސް އެކްޓިނަށް ވަނީ ގިނަ ބަޔަކު ތައުރީފުކޮށްފައެވެ.

ފިލްމުގެ ޓްރެއިލާ އިން ދެފަންނާނުންގެ އިތުރުން ކުޑަ ކުދިންތަކެއް ފެނިގެންދާއިރު ޒަހީރު އާއި ޕްރަނުތަން ފެނިގެންދަނީ އެކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ ގޮތުގައެވެ. ފިލްމުގައި ޒަހީރު އަށް ކިޔަނީ " ކަބީރް" އެވެ. އަދި ޕްރަނުތަން އަކީ "ފިރްދޯސް" އެވެ.

ފިލްމީ ދާއިރާ އަށް އައު ޒަހީރު އާއި ޕްރަނުތަން ބޮލީވުޑަށް ތައާރަފުކޮށްދީފައިވަނީ ސަލްމާނެވެ.

އެގޮތުން ޒަހީރުގެ ހުނަރު ސަލްމާނަށް ފެނިފައިވަނީ އޭނާގެ ދައްތަގެ ސަންގީތު ހަފްލާގެ ތެރެއިންނެވެ. ޕްރަނުތަން ފުރަތަމަ ފަހަރަށް ސަލްމާނަށް ފެނިފައިވަނީ އިންޓަނެޓުންކަމަށާއި އޭނާއާ ބައްދަލުކޮށް އެރޯލަށް އޭނާ އޮޑިޝަންދިނުމުން ވަރަށް ބޮޑަށް ފިލްމުގެ ޑައިރެކްޓަރުގެ އިތުރުން ޕްރޮޑިއުސަރު ވެސް ހިތްހަމަޖެހުނު ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ނޯޓްބުކް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާޗް މަހުގެ 29 ގައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ނިތިން ކައްކަރް އެވެ.