މިހާރު ސޯޝަލް މީޑިއާއަކީ އެންމެންނަށްވެސް ވަރަށް ދޯޅު އެއްޗެކެވެ. އާއިލީ ގުޅުން ދެމެހެއްޓުމުން ފެށިގެން ގޮސް، ކާ އެއްޗެހި އޯޑަރުކޮށް އުޅެނީ ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ހަމަ މިފަދައިން، ވަޒީފާއެއް ބޭނުންވެގެން އުޅޭ މީހުން، ވަޒީފާތަކަށް އެޕްލައި ކޮށް އުޅެނީވެސް އޮންލައިންކޮށް، ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. އެހެންނަމަވެސް، ހެދޭ ކުޑަ ކުޑަ ގޯހެއްގެ ސަބަބުން ވަޒީފާ ނުލިބި، އެ ބުޅީގައި އަޅައި ނުގަތުމަކީ މަދުން ނަމަވެސް ދިމާވާ ގޮތެކެވެ. މިކަމަށް ހައްލެއް ބޭނުންނަމަ، ތިރީގައި މިވާ ބައެއް ކަންތައްތަކަށް ސަމާލުވެލައްވާށެވެ.

ސޯޝަލް މީޑިއާގައި އެކްޓިވް ވާތި!

އަބަދުވެސް އެކިއެކި ވެބްސައިޓްތައް ބަލާ، ވަޒީފާއެއް އޮތީ ކޮންކޮން ތަންތާކުތޯ ބަލަން ވާނެއެވެ. އަދި ހުޅުވާލެވިފައިވާ ވަޒީފާތަކުގެ ސުންގަޑިއަށްވެސް ފަރުވާތެރިވާން ވާނެއެވެ.

އައު ޕްރޮފައިލް އެކައުންޓެއް ހުޅުވާ!

ސޯޝަލް މީޑިއާގައި، ވަކީން ހާއްސަގޮތެއްގައި އެފް.ބީގައި ތިމާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ހިއްސާ ކުރުމަކީ ވަރަށް ގިނަ މީހުން ކޮށްއުޅޭ ކަމެކެވެ. އެކަމަކު ވަޒީފާއަކަށް ކުރިމަތިލާން ބޭނުން ކުރާ ޕްރޮފައިލް އެކައުންޓުން މި ފަދަ އެއްޗެހި ފެނުމުން، ވަޒީފާ ދިނުމުގައި އެމީހުން ފަސްޖެހުން ގާތެވެ. ވީމާ، މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ 'ޕާރސަނަލް' ކަންކަމަށް ވަކި އެކައުންޓެއް ހުޅުވައި، ވަޒީފާތަކަށް ކުރިމަތިލުމަށް ވަކި ޔޫސާރ އެކައުންޓެއް ބޭނުން ކުރުމެވެ.

ޕްރޮފެޝަނަލް އެކައުންޓެއް!

ތި ބޭނުން ކުރާ އެކައުންޓްގައި ހުންނަން ވާނީ ސައްހަ ތެދު މައުލޫމާތެވެ. އަދި ފޮޓޯ އެއް ބޭނުން ކުރާނަމަވެސް، ގޭގައި ފޫހިވެގެން ނަގާލާ ސެލްފީ ޒާތު ފޮޓޯގަނޑެއް ނުލާށެވެ. އޭގެ ބަދަލުގައި ޕާސްޕޯޓް ސައިޒްގެ ރީތި ފޮޓޯގަނޑެއް އަޕްލޯޑް ކުރުން ބުއްދިވެރިއެވެ.

ޕޯސްޓްތަކާއި މެދު ސަމާލުވޭ!

މިސާލަކަށް ވަޒީފާ ތި ހޯދަނީ ކެއްކުމުގެ ދާއިރާއިން ކަމުގައިވަނީ ނަމަ، އިންސްޓަގްރާމުގައި ކާ އެއްޗެހީގެ ފޮޓޯ އަޕްލޯޑް ކުރެވިދާނެއެވެ. އޭރުން އެ ދާއިރާއަށް ޝައުޤު ހުންނަކަން، ވަޒީފާއަށް އިއުލާނުކުރި ފަރާތަށްވެސް އެނގި، ތިމާއަށް ވަޒީފާ ލިބިދިނުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ.