ކޮންމެ މީހެއްގެ އަތުގައި ކަހަލަ ގޮތަކަށް ފޯނެއް އޮންނައިރު، ފޯނު ޗާޖުކުރުމަކީ ވަގުތު ނަގާ ކަމެކެވެ. އެކަމުގެ ސަބަބުން ބައެއް މުޙިއްމު ކަންކަން ކުރުން ލަސްވެގެންދާ ކަމެއްވެސްމެއެވެ. ހަމައެހެންމެ، އެކަމެއް ކުރުމަށް ބައެއް ފަހަރު ވަރަށް ފޫހިވާ ކަމެއްވެސްމެއެވެ.

ދުނިޔޭގައި މިހާރު އެންމެ އަވަހަށް ޗާޖުކޮށްލެވޭ ފޯނު ޗާޖުކުރުމަށްވެސް ގަޑިއެއްހާ އިރު ނަގާއިރު، މިކަން ހީކުރާ ވަރަށް ވުރެ އަވަހަށް ޗާޖުވާން އަދި ދެ އަހަރުވަރު ނަގާނެކަމަށް ދިރާސާ ކުރާ ފަރާތްތަކުންވަނީ ބުނެފައެވެ.

އެފަރާތްތަކުން ބުނެފައިވާ ގޮތުގައި ދެ އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި، 10 ސިކުންތުން ފޯނުތައް ޗާޖުކޮށްލުމުގެ ޤާބިލުކަން ލިބިފައިވާ ޗާޖަރެއް އުފެއްދޭނެއެވެ.

ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ "ސީނެޓް" އިން ބުނެފައިވާ ގޮތުގައި "ގްރެފީން" އިން ދަނީ މި މަސައްކަތް، ވަރަށް ޚާއްޞަ އިސްކަމެއް ދީގެން، ވަރަށް ހަލުވި މިނެއްގައި ކުރަމުންނެވެ.

އެންމެ އަވަހަށް މި ޓެކްނޮލޮޖީ، ސެމްސަންގުން އުފައްދާ ފޯނުތަކުގެ ޗާޖަރުން ފެނިގެންދާނެކަމަށް ބެލެވެއެވެ. ސަބަބަކީ، ސެމްސަންގުން މިހާރުވެސް އެފަރާތާ ގުޅިގެން މި މަސައްކަތް ކުރަމުންދާތީއެވެ.

ކޮންމެއަކަސް މިކަމުން އެތައް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވޭއިރު، މިކަން ހަޤީޤަތަކަށްވާތަން އެތައް ބަޔަކު ދެކެން ބޭނުންވާނޭކަން ޔަޤީނެވެ.