އިސްމާއީލް ޝަފީގް ޕްރޮޑިއުސްކޮށް ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ފިލްމު "ފޯޓީ ޕްލަސް" ނެރެން 8 ދުވަހަށް ވީ އިރު ގިނަ ބަޔަކު ކުރަމުން އަންނަ އިންތިޒާރަށް ނިމުމެއް އަންނަނީއެވެ.

މިއީ ރާއްޖޭގެ ސިނަމާ އަށް އަންނާނެ ފުރަތަމަ މަޖާ ބިރުވެރި ފީޗާ ފިލްމެވެ.

"40 ޕްލަސް" މިދިޔަ އަހަރުގެ އޯގަސްޓު މަހުގައި އަޅުވަން ނިންމާފައިވަނިކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހު ގޯސްވެ ފިލްމު ނެރޭ ތާރީހު ފަސްކުރީއެވެ. މިދިޔަ އަހަރު ފަހުކޮޅު ވަނީ ފިލްމުގެ އޮފިޝަލް ޓްރެއިލާ ވެސް ބެލުންތެރިންނަށް ދައްކާލާފައެވެ.

ފިލްމު އަޅުވާ ދުވަސް ކައިރި ވަމުން އަންނަ އިރު ފިލްމުގެ ޓީމުން އަންނަނީ ގިނަ ޓީޒާ ތަކެއް ބެލުންތެރިންނާ ހިއްސާ ހުރަމުން އެވެ. މި ފިލްމުގެ ޓީޒާތައް ވަރަށް މަޖާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މި ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުން ލިބެން ހުންނާނެއެވެ.މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ޓިކެޓް ވިއްކަން ފެށުމުން ޓިކެޓަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ފިލްމުގެ ޑައިރެކްޓަރު ޔޫއްޕެ ބުނެފައި ވެއެވެ.

"40 ޕްލަސް" ގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ތ. ބުރުނީގައެވެ.

ހޭޝްޓެގް ދަ ބިގެސްޓް މޫވީ އޮފް 2019 ގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ "40 ޕްލަސް" ގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، 'ނޯޓީ40'ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ. އެ ފިލްމުގައި އަލަށް ތައާރަފްވާ ހަތަރު ތަރިން ވެސް ފެންނާނެ އެވެ.

މި ފިލްމު ނުރުމަށްހަމަޖެހިފައިވަނީ އަންނަ މަހު 5 ވަަނަ ދުވަހުއެވެ.