ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓާ ސަންޖޭ ލީލާ ބަންސާލީ ސަލްމާން ހާނާ އެކު މަސައްކަތް ނިންމާފައިވާ ފިލްމުގެ ލީޑު ރޯލު ޕްރިޔަންކާ އަށް ހުށަހަޅާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ހަބަރުތައް ފަތުރަމުން އެބަދެއެވެ.

ނަމަވެސް ފިލްމުގެ ޓީމުން އެކަމާ ބެހޭ ގޮތުން އަދި އެއްްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިން ވެސް ޕްރިޔަންކާ ވަނީ ބަންސަލީގެ ފިލްމުތަކުން ފެނިގެން ގޮސްފައެވެ.

2015 ވަނަ އަހަރު ނެރުނު ބަންސާލީގެ "ބަޖިރާއޯ މަސްތާނީ" ގެ ލީޑް ރޮލުން ޕްރިޔަންކާ ފެނިގެން ދިޔައިރު 2013 ވަނަ އަހަރު ރިލީޒްކުރި "ރާމް ލީލާ"ގެ ލަވަ އަކުން ވެސް ޕްރިޔަންކާ ފެނިފައި ވެއެވެ.

މިކަމާ ގުޅޭގޮތުން ޕްރިޔަންކާ އަދި އެއްވެސް މައުލޫމާތެއް މީޑިޔާ އާއި ހިއްސާ ކޮށްފައެއް ނުވެއެވެ. ޕްރިޔަންކާ ވަނީ ސަލްމާން އާއެކު "ބާރަތު" ގެ ލީޑު ރޯލު ކުޅެން ހަވާލުވެ އެ ފިލްމު ދޫކޮށްލާފައެވެ.

ޕްރިޔަންކާ އެންމެ ފަހުން ފެނިގެންދިޔައީ މި މަހުގެ 14 ވަނަ ދުވަހު ސިނަމާތަކަށް ގެނައި ހޮލީވުޑް ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް؟" އިންނެވެ. ޕްރިޔަންކާގެ ފިލްމު ތަކެއް ކުރިއަށް ވެސް ހުރި އިރު މި އަހަރުގެ އޮކްޓޯބަރު 11 ވަނަ ދުވަހު ރިލީޒްކުރާ "ދަ ސްކައި އިޒް ޕިންކް" އިން ވެސް އޭނާ ފެންނާނެއެވެ.