އަމީތާބް ބަޗަން އާއި ރިޝީ ކަޕޫރު އުމުރުން ދުވަސް ވިޔެއްކަމަކު ބޮލީވުޑްގެ ޒުވާން އެކްޓަރުންނަށް ދުލެއް ނުދެއެވެ. މި ދެ ފަންނާނުން އަނެއްކާވެސް ފިލްމެއް ކުޅެނީއެވެ. ފިލްމަށް "102 ނޮޓް އައުޓް" ކިޔާއިރު އޮފިސަލް ޓީޒާރ ވެސް ދައްކާލައިފިއެވެ.

102 އަހަރުގެ ބައްޕަ (އަމީތާބް ބަޗަން) ދުނިޔޭގެ ރެކޯޑެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި 70 އަހަރުގެ ދަރިފުޅު (ރިޝީ ކަޕޫރު) ކުރާ ގުރުބާނީ ދައްކުވައިދޭ މި ފިލްމަކީ ބައްޕަ އަކާއި ދަރިފުޅެއްގެ މެދުގައި އުފެދޭ ވަރަށް އާދަޔާ ހިލާފު ލޯތްބެއް ދައްކުވައިދޭ ފިލްމެއްކަމަށް ވެއެވެ.

ހެއްވާ މަޖާ އެތައްކަމެއް ހިމެނޭ މި ފިލްމް މިއަންނަ މެއި މަހުގެ 4 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާއިރު ފިލްމްގެ ޕްރަމޯޓް ކުރަން މަސައްކަތްކުރަމުންދާ ކަމަށް ފިލްމު އުފައްދާ ފަރާތުން މައުލޫމާތު ދެއެވެ.

މިހާރު 75 އަހަރުގެ އަމީތާބް އާއި 65 އަހަރުގެ ރިޝީ ކަޕޫރު ވަނީ މީގެ ކުރިންވެސް ބައެއް ފިލްމް ތަކުގައި އެކުގައި ހަރަކާތްތެރި ވެފައެވެ. އޭގެ ތެރޭގައި "ކަބީ ކަބީ"، "ނަސީބް"، "އަމަރު އަކްބަރ އެންތޮނީ" އަދި "އަޖޫބާ" ހިމެނެއެވެ.

"މި ފިލްމުގައި އަމީތާބް އައި އެކު ހަރަކާތްތެރިވުމުގެ ފުރުސަތު ލިބުމުން އަހަރެމެންގެ ޅައިރުގެ އެތަށް ހަނދާންތަކެއް އާލާވެގެން ދިޔަ. އަދި މިކަހަލަ އާދަޔާ ހިލާފު ފިލްމަކުން އަނެއްކާ އަމީތާބް އާއި ދިމާވުމުން މިހުރީ ވަރަށް އުފަލުން. ހަމަގައިމުވެސް މީ އަހަރެމެންގެ ސަޕޯޓަރުން އުފާކޮށްދޭނެ ފިލްމެއް." ފިލްމާ ބެހޭގޮތުން ރިޝީ ބުންޔެވެ.