ބަރުދަނުގައި 410 ކިލޯ ހުރި މީހެއް އޮޕަރޭޝަނެއް ކޮށް، އެމީހާގެ ބަރުދަނުން 30 ކިލޯ ލުއިކޮށްލައިފިއެވެ. މި ކާމިޔާބު އޮޕަރޭޝަން ކޮށްފައިވަނީ އިންޑިޔާގެ އިންޑޯރުގެ ހޮސްޕިޓަލަކުންނެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާގޮތުގައި، ބަރުދަނުގައި 410 ކިލޯ ހުރި މީހާއަކީ، މޮރިޝަސް އަށް ނިސްބަތްވާ މީހެކެވެ. އެމީހާގެ އޮޕަރޭޝަން މިދިޔަ ޖަނަވަރީ މަހުގެ ހަތަރުވަނަ ދުވަހު ކޮށްފައި ވީނަމަވެސް، ހޮސްޕިޓަލުން އެކަން އާއްމުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުކަމަށްވެސް ބުނެފައިވެއެވެ.

46 އަހަރުގެ މި މީހާގެ ބެރިއޭޓްރިކް އޮޕަރޭޝަނަށްފަހު، އެހެން އެއްވެސް އެއްޗެއްގެ އެހީއާ ނުލައި ހިނގާ ބިނގާވެ އުޅެވޭކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.

ނޫސްތަކުން ބުނެފައިވާގޮތުގައި، މޮރިޝަސް އިން އިންޑިޔާއަށް އެމީހާ ގެނައުމަށް، ފްލައިޓުގެ ބިޒްނަސް ކުލާހުގެ ތިން ގޮނޑިން ނަގަން ޖެހުނެވެ. އަދި، ބައެއް އެއާލައިންތަކުން އެމީހާއާއެކު އުދުހުމަށްވެސް ދެކޮޅު ހެދިކަމަށް ބުނެފައިވެއެވެ.

މި މީހާގެ އޮޕަރޭޝަން ކާމިޔާބު ކުރެވިފައިވާއިރު، 500 ކިލޯ ހުރި މިޞްރުގެ އީމާންގެ އޮޕަރޭޝަންތަކާއި ފަރުވާތައް ކާމިޔާބު ނުވެ، ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު