ޓެކްނޮލޮޖީގެ ދުނިޔޭގައި އުޅޭ މީހުން ކޮންމެ މީހަކުވެސް މިހާރު ދައްކާ އެއް ވާހަކައަކީ ސެމްގަންގް އިން ނެރެފައިވާ މަޅާލެވޭ ފޯނެއެވެ. ގިނަ ބަޔަކު މި ފޯން ގަތުމަށް ތައްޔާރުވެފައިވާއިރު، މިފޯން މިހާރުވަނީ ދައްކާލާފައެވެ. މި ފޯން ބާޒަށް 26 އޭޕްރީލްގައި ނެރޭއިރު، މިހާރު އެންމެ ގަދަޔަށް ދެކެވޭ ވާޙަކައަކީ އެޕަލްއިން މިކަހަލަ ފޯނެއް ނެރޭނެތޯ ކުރާ ސުވާލެވެ.

ދުނިޔޭގެ ބޮޑެތި ފޯން އުފައްދާ ކުންފުނިތަކުން މިހާރުވަނީ މަޅާލެވޭ ފޯން އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން ވާވޭއިން ވަނީ މިކަން ކާމިޔާބުކޮށް ވާވޭގެ ފުރަތަމަ މަޅާލެޥޭ ފޯން ވާވޭ މެޓް އެކްސް ނެެރެފައެވެ. ނަމަވެސް އެޕަލްއިން މިފަދަ ކަމެއް ކުރަން އުޅޭ ކަމުގެ ވާހަކަތަކެއް މިހާތަނަށް ދެކެވިފައެއް ނުވެއެވެ.

އެޕަލްގެ ކޯ ފައުންޑަރ ސްޓީވް ވޮޒްނައިކް މިކަން ފާހަގަ ކުރަނީ އެޕަލްއަށް ދިމާވި ބޮޑު ވެއްޓުމަކަށެވެ. އަދި ފޯންގެ ރޭހުގައި އެޕަލްއިން ބޮޑުތަން ފަހަތަށް ޖެހުމުގެ ގޮތުގައެވެ. މިގޮތުން އޭނާ ބްލޫމްބާގަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ މަޅާލެވޭ ފޯނަކީ ފޯނުތަކުގެ ދުނިޔޭގައި ބޮޑު އީޖާދެއް ކަމަށާއި އެންމެވެސް މިފަދަ ފޯނެއްގެ އިންތިޒާރުގައި ތިބި ކަމަށެވެ.

ފޯން ފުރަތަމަ އުފައްދަން ފެށި ދުވަސްވަރު އެންމެ ކުރީގައި އޮތް ނޮކިޔާ ކުންފުނި، އަދަވަޅަކަށް ވެއްޓިގެން ދިޔައީ އޭރު ފޯންތަކަށް އަންނަމުންދިޔަ ބަދަލުތަަކަށް ނޮކިޔާއިން ނޫނެކޭ ބުނުމުންނެވެ. އެޕްލް އަށް މިފަދަ ދުވަހެއް އަންނާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.