އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަހުތާއި ދެވަނަ އަށް މިހާރު އެންމެ ކައިރީގައި ހުންނެވި ޕްރިންސް ވިލިއަމް އަށް މިހާތަނަށް ވަނީ ތިން ބޭފުޅުން ލިބިވަޑައިގެންފައެވެ. ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން އަށް އެންމެ ފަހުން ބޭފުޅަކު ލިބިވަޑައިގެންނެވީ މީގެ ދިހަ މަސް ކުރިންނެވެ. އެއީ ފިރިހެން ދަރިކަލުން ލުއިސް އެވެ.

ޕްރިންސް ވިލިއަމް އާއި ކޭޓް އަށް ތިން ބޭފުޅުން ލިބިވަޑައިގެންފައި ވާއިރު ޝާހީ އާއިލާގެ ކޮންމެ ކަމެއް ގާތުން ބަލަމުން އަންނަ މީހުން މިހާރު ކުރާ ސުވާލަކީ ޕްރިންސް ވިލިއަމް އާއި ކޭޓް ދެން އިތުރު ދަރިކަލަކު ހޯއްދަވާނީ ކޮންއިރަކުން ހެއްޔެވެ.

މިހާރު އުމުރުން 37 އަހަރު ވެފައިވާ ކޭޓް ވަނީ އިތުރު ދަރިކަލަކު ހޯދަން މިހާރު ތައްޔާރު ކަމަށް އިއްޔެ ވިދާޅުވެފައެވެ. އެކަމަނާ މިހެން ވިދާޅުވީ މިހާރު އަޔަލޭންޑަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފަސް އަހަރުގެ ކުއްޖަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކޭޓް ވިދާޅުވީ ހަތަރުވަނަ ދަރިކަލަކު ހޯއްދަވަން އޭނާ މިހާރު ތައްޔާރު ކަމަށެވެ. ނަމަވެސް ސަމާސާ ކުރައްވަމުން ކޭޓް ދެން ވިދާޅުވީ ހަތަރު ވަނަ ދަރިކަލަކު ހޯއްދަވަން ޕްރިންސް ވިލިއަމް އަދި ތައްޔާރު ހެން ހީފުޅު ނުވާކަމަށެވެ.

ކޭޓް އާއި ވިލިއަމް އަށް ތިން ވަނަ ދަރިކަލުން ލުއިސް ލިބިވަޑައިގެންނެވީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ. ކޭޓް އާއި ވިލިއަމްގެ އެންމެ ދޮށީ ދަރިކަލުންނަކީ ފަސް އަހަރުގެ ޕްރިންސް ޖޯޖް އެވެ. ދެން ހުންނަވަނީ ތިން އަހަރުގެ ޕްރިންސެސް ޗާލޮޓް އެވެ. ވިލިއަމްގެ ހުރިހާ ދަރިކަލުންނަކީ ވެސް އިނގިރޭސިވިލާތުގެ ތަހުތު ވާރުތަވާނެ ބޭފުޅުންނެވެ.

ޝާހީ އާއިލާ އަށް އަންނަ އޭޕްރިލް މަހު ވެސް ރަސްދަރިކަލަކު އުފަންވާނެއެވެ. އެއީ ޕްރިންސް ހެރީ އާއި މޭގަންގެ އަލަތު ދަރިކަލުންނެވެ.