އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވިއެޓްނާމްގައި އިއްޔެ ބޭއްވި ސަމިޓް އެއްވެސް ނަތީޖާއެއް ނުނެރެވި މިވަނީ ނިމިފައެވެ. ނަމަވެސް ޓްރަމްޕް އާއި ކިމް ބައްދަލު ކުރުމަކީ ވެސް އޭގެ ޒާތުގައި ކާމިޔާބެއްގެ ގޮތުގައި ބައެއް ތަޖުރިބާކާރުން ސިފަކުރެއެވެ.

ކޮންމެއަކަސް މިފަހަރު މިއޮތީ ސަމިޓްގެ ވާހަކައެއް ނޫނެވެ. ޓްރަމްޕް އާއި ކިމް ނޫސްވެރިންނާއި ބައްދަލު ކުރިއިރު ޓްރަމްޕާއި ކިމްގެ ފުރަގަހުން ފެނުނު އަންހެނެއްގެ ވާހަކައެވެ. މީސް މީޑިއާގައި ވަރަށް ގިނަ ބަޔަކު ގެންދަނީ އެއީ ކާކުތޯ ސުވާލު ކުރަމުންނެވެ.

އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ވަނިކޮށް ޓްރަމްޕާއި ކިމްގެ ފުރަގަހުން އެހައި ކައިރިއަށް ދިޔަ އަންހެނަކީ ކާކުތޯ ބަލަން ވަރަށް ގިނަ މީހުން ބޭނުންވެއެވެ.

ޓްރަމްޕާއި ކިމް ވާހަކަދައްކާއިރު ފާރެއްގެ ފުރަގަހަށް ނިވާވެގެން އެއޮތީ ކިމް ޖޮން އުންގެ ދައްތަ ކިމް ޔޯ-ޔޮންގް އެވެ. އޭނާ އަކީ ކިމްގެ އެންމެ އަރިސް ބޭފުޅާއެވެ. ޓްރަމްޕާއި އެކު ކިމް ބޭއްވި މަޝްވަރާތަކުގައި ވެސް ޔޯ-ޔޮންގް ބައިވެރިވިއެވެ.

ކިމް ވަޑައިގަންނަވާ ހުރިހާ ތަނަކަށް ޔޯ-ޔޮންގް ވަޑައިގަންނަވައެވެ.

އޭނާ އުތުރު ކޮރެއާގެ ސަރުކާރުގައި އަދާކުރާ ދައުރާއި ބެހޭ މާގިނަ މައުލޫމާތެއް ލިބިފައެއް ނެތެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޔޯ-ޔޮންގް އަކީ އުތުރު ކޮރެއާ ސަރުކާރުގެ އެންމެ މުހިންމު ޑިޕާޓްމަންޓްގެ ވެރިޔާ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކިމް އެންމެ ގިނައިން ގަބޫލު ކުރަނީ ޔޯ-ޔަންގްގެ ޚިޔާލުތަކެވެ. ފަހަކަށް އައިސް ބައިނަލްއަޤުވާމީ ދުނިޔެ އާއި އުތުރު ކޮރެއާ އިން އެކުވެރި ގުޅުމެއް ބާއްވަމުން ދަނީ ވެސް ޔޯ-ޔަންގްގެ އިސްނެގުމަށް ކަމަށް ވެއެވެ.