ދިރިހުރި މީހަކު މަރުވެފައިވާ ކަމަށް ކަނޑައަޅައި، އޭނާގެ މަރުގެ ސެޓްފިކެޓު ބާތިލުކޮށް އަލުން ޤައުމުގެ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ރޯމޭނިއާގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

އުމުރުން 63 އަހަރުގެ ރެލިއު ނަމަކަށްކިޔާ އެ ފިރިހެންމީހާ މަރުވީ ކަމަށް ކަނޑައަޅައި، އޭނާގެ މަރުގެ ސެޓްފިކެޓް ހަދާފައިވަނީ މީގެ އެތައް އަހަރެއް ކުރިން އަންހެނުންނާއި އާއިލާ ދޫކޮށް ތުރުކީއަށް ވަޒީފާއެއް އަދާކުރުމަށް އޭނާ ދިޔަ ގޮތަށް އެއްވެސް ޚަބަރެއް ނުވުމުން، އޭނާ މަރުވެފައިވާ ކަމަށް އާއިލާއިން އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކަށް އެންގުމުންނެވެ.

ނަމަވެސް ފަހުން ރެލިއު އެނބުރި ޤައުމަށް ދިޔަ ފަހަރެއްގައި، ރޯމޭނިއާގެ އިމިގްރޭޝަނުން ވަނީ އޭނާ ހިފަހައްޓައި ހައްޔަރުކޮށްފައެވެ. އެއަށްފަހު އެ މައްސަލައިގައި އޭނާ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ބުނެފައިވަނީ، އޭނާ މަރުވީ ކަމަށް ނިންމާފައިވާތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި، އެކަން ބާތިލުކުރުމަށް މިހާރު މާ ލަސްވެފައިވާ ކަމަށެވެ.

ރޯމޭނިއާގެ ކޯޓުން މަރުވީ ކަމަށް ކަނޑައަޅާފައިވާ ރެލިއު

ރެލިއު ތުރުކީއަށް ދިޔައީ 1992 ވަނަ އަހަރުގައެވެ. އެއަށްފަހު 1999 ވަނަ އަހަރު އެނބުރި ޤައުމަށް ދިޔަ ނަމަވެސް އާއިލާއަށް އެކަން އަންގާފައެއް ނުވެއެވެ. އެހެންކަމުން އާއިލާއިން ނިންމީ އެޤައުމުގައި ރެލިއު ދިރިއުޅެމުންދިޔަ ސަރަޙައްދަށް އެދުވަސްވަރު އައި ބާރުގަދަ ބިންހެލުމުގެ އޭނާ މަރުވީ ކަމަށެވެ. ރެލިއު މަރުވީ ކަމަށް ނިންމައި އެކަން ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅީ ރޯމޭނިއާގައި ހުރި އޭނާގެ އަންހެނުންނެވެ. އެގޮތަށް ހުށަހަޅާފައިވަނީ އޭނާ އިތުރު ކައިވެންޏެއް ކުރުމަށްޓަކައި ކަމަށް ވެއެވެ.

ރެލިއު 1999 ވަނަ އަހަރުގައި ރޯމޭނިއާގައި އާއިލާއަށް ނާންގައި އުޅުމަށްފަހު އަނެއްކާވެސް އެނބުރި ތުރުކީއަށް ގޮސް އުޅެނިކޮށް، ބައެއް ލިޔެކިއުންތަކުގެ މުއްދަތު ހަމަވެގެން އޭނާ ޑީޕޯޓްކޮށް ރޯމޭނިއާއަށް ފޮނުވާލީ 2003 ވަނަ އަހަރުގައެވެ. ނަމަވެސް ރޯމޭނިއާގައި އޭނާ މަރުވެފައިވާ ކަމަށް ނިންމާފައިވާތީ އިމިގްރޭޝަނުން އޭނާ ހައްޔަރުކުރީއެވެ.

ރެލިއު ބުނިގޮތުގައި އޭނާ ބޭނުންވަނީ، ލިޔެކިއުންތައް އާކޮށްގެން އެނބުރި ތުރުކީއަށްގޮސް އަމިއްލަ ވިޔަފާރިއެއް ފެށުމަށެވެ. ނަމަވެސް ދިރިހުއްޓެއް ކަމަކު އޭނާ މަރުވެފައިވާ ކަމަށް ރޯމޭނިއާއިން ނިންމާފައި ވުމުން އަލުން ޕާސްޕޯޓެއްވެސް ހެއްދުމުގެ ފުރުސަތެއް ނުލިބޭ ކަމަށް ރެލިއު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބުރީލް

    ފަހުބަސް ބުނާނީ ކޯޓުން!

  2. ޕަކާސް

    1 ފެބުރުއަރީގައި ނެރުނު ހުކުމާއި އެއްގޮތް ހުކުމެއް