އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ހަނގުރާމަ މަތީ ފިލްމު "ކޭސަރީ"ގެ ފުރަތަމަ ވިޑިއޯ ލަވައަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

މިދިޔަ މަހުގެ 27 ވަނަ އެ ލަވަ ވަނީ ޔޫޓިއުބަށް އާންމުކޮށްފައެވެ. މިހާތަނަށް އައިއިރު 11.6 މިލިއަނަށް ވުރެއް ގިނަ މީހުން އެ ލަވަ ބަލައިފިއެވެ.

ތަނިޝްގް ބަގްޗީ މިއުޒިކް ހަދާފައިވާ 'ސާނޫ ކޭންދީ" ކިޔާފައިވަނީ ރޯމީ އާއި ބްރިޖޭޝް ޝަންޑަލިޔާ އެވެ.

"ކޭސަރީ" އަކީ ސަގްރާހީ ހަނގުރާމައިގެ ނަމުގައި މަޝްހޫރުވެގެން ދިޔަ ހަނގުރާމަ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އަނޫރާގް ސިންގް ޑައިރެކްޓްކޮސްފައިވާ އެ ފިލްމުގައި ދައްކުވޭނީ ސިކުންގެ 21 އަސްކަރީ އޮފިސަރުން 10،000 އަފްގާން ހަނގުރާމަވެރިންނާ ކުރިމަތިލައިގެން ހޯދާ ކާމިޔާބެވެ.

އަކްޝޭ އާއެކު އެ ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނީ ޕަރްނީތީ ޗޯޕްރާ އެވެ. ފިލްމު ސިނަމާތަކަށް އަންނާނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

"ކޭސަރީ"ގެ އިތުރުން އަކްޝޭ މިހާރު އަންނަނީ ކަރީނާ ކަޕޫރާއެކު "ގުޑް ނިއުސް"ގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުންނެވެ.