ޓެކްސަސްގެ ސިޓީއެއް ކަމުގައިވާ ހޯސްޓަންގައި ހުންނަ މި ގެއަކީ، 60،000 އަކަފޫޓުގެ ބިމެއްގައި އަޅާފައިވާ 55 ކޮޓަރި ހުންނަ އާދަޔާ ޚިލާފަށް ބޮޑު ގެއެކެވެ. މި ގެ ވިއްކާލުމަށް މީގެ އެތައް މަހެއް ކުރިން އިއުލާނުކޮށްފައި ވީނަމަވެސް އަދިވެސް އެއްވެސް ފަރާތަކުން ގެ ގަންނާން ބޭނުން ނުވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

2001 ވަނަ އަހަރު އަޅައި ނިންމާފައިވާ މި ގެ 3.5 މިލިއަން ޑޮލަރަށް ވިއްކާލުމަށް ހަމަޖެހިފައިވާއިރު، ދެ ފަންގިފިލާ ހިމެނޭ މި ގޭގެ ކޮންމެ ކޮޓަރިއަކަށް ފާހަނާއަކާއި ބޮޑު ސިޓިންގރޫމެއްގެ އިތުރުން ބަދިގެއާއި، ގެއެއްގައި ހުންނަން ޖެހޭ އެނޫންވެސް ބައިތައް ހިމެނެއެވެ.

ބައެއް ޢާންމު ފަރާތްތަކުން ބުނެފައިވާގޮތުގައި، މި ގެ ގަންނަ އެއްވެސް ބަޔަކު ބޭނުން ނުވަނީ ގެ މާ އަގުބޮޑުވުމުންނެވެ. އަދި އަނެއް ބަޔަކު ބުނާގޮތުގައި އެގޭގެ ބައެއް މަސައްކަތްތައް ނުނިމި ހުރި ހުރުމަކީވެސް ގެ ގަތުމަށް އެއްވެސް ބަޔަކު ޝަޢުގުވެރިނުވާ ސަބަބެއް ކަމަށެވެ.

މި ގެއަކީ ރިހެބިލިޓޭޝަން ސެންޓަރެއްގެ ގޮތުގައި ހުޅުވުމަށް ޕްލޭންކޮށްގެން އަޅަންފެށި ގެއެއް ކަމަށްވެއެވެ. ނަމަވެސް އެތަނުގެ މަސައްކަތް ނިމުނުއިރު އެ ސެންޓަރު ހިންގޭގޮތް ނުވުމުން، ގޭގެ ވެރިފަރާތުން ނިންމީ އެތަން ގެއެއްގެ ގޮތުގައި ވިއްކުމަށެވެ.

އެގޭގެ ވެރިފަރާތުން ބުނެފައިވާގޮތުގައި، ކޮންމެ ހަފްތާއަކުވެސް އެ ގެ ބަލައިލުމަށް ގިނަ ބަޔަކު ދެއެވެ. އަދި ބައެއް ފަރާތްތަކަށް ގެ ވަރަށް ކަމުދާ ކަމަށާއި، ނަމަވެސް މި ގެއަކީ އާއިލާއަކަށްވުރެ ބޮޑަށް ކުންފުންޏެއް ނުވަތަ ޕްރޮޖެކްޓް ގްރޫޕަކަށް އެކަށީގެންވާ ގެއެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު