ބޮލީވުޑުގެ ތަރި، ކަންގަނާ ރަނައުތުގެ ހަޔާތުގައި ބައިވެރިއަކު އެބަހުރި ކަމަށް ކަންގަނާ އެެއްބަސްވެއްޖެއެވެ.

"މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ" އިން ވަރުގަދަ ހަނގުރާމަ ވެރިއެއްގެ ރޯލުން ފެނިގެންދިޔަ ކަންގަނާ، އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާ މިހާރު ހުރި އުމުރަކީ ހަޔާތުގައި އިތުރަށް އިންސްޕަޔާ ކުރާނެ ބަޔަކު ހުންނަން އެންމެ ބޭނުންވާ އުމުރު ކަމަށެވެ.

ކަންގަނާ ވަނީ، އޭނާގެ ލޯބީގެ ހަޔާތުގައި ކުރިމަތިވި ހިތްދަތި ހަނދާންތައް ފޮހެލާ ވަރަށް އަވަހަށް އެކަމަކުން އަރައިގަންނަން މަސައްކަތް ކުރި ކަމަށް ވެސް ހާމަކޮށްފައެވެ.

2013 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު، "ކްރިޝް 3" ގައި ކަންގަނާ އާއި ރިތިކު، އެކުގައި މަސައްކަތް ކޮށްފައިވާއިރު އެ ފިލްމުގެ ސެޓުން ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެ އިންޑިއާގެ މީޑިއާ ތަކުން ވަނީ އަޑު ފަތުރާފައެވެ. އެކަމަކު ދުވަސްތަކެއް ފަހުން އެދެމީހުންގެ މެދުގައި މައްސަލަތައް ވަނީ ވަރަށް ހޫނުވެފައެވެ. ކަންގަނާ ވަނީ މީޑިއާގެ ކުރިމަތީގައި ވެސް ރިތިކްއަށް ބަހުގެ ހަމަލާތައް ދީފައެވެ. އޭގެ ފަހުން ކަންގަނާ، އެއްވެސް މީހަކާއި ލޯބީގެ ގޮތުން ގުޅިފައެއް ނުވެއެވެ.

ކަންގާނާ އެންމެ ފަހުން މަސައްކަތް ކުރި ފިލްމަކީ އޭނާގެ ފުރަތަމަ ޑައިރެކްޝަން ވެސް މެއެވެ. މި ފިލްމަށް ވަނީ ބޮޑު ކާމިޔާބެއް ލިބިގެން ގޮސްފައެވެ. އަދި ކަންގަނާ ވަނީ އޭނާއަށް "ޖައްސާލައިގެން އުޅޭ" ބޮލީވުޑުގެ ބައެއް ފަންނާނުންނަށް ވެސް ވަރުގަދަ ބަހުގެ ހަމަލާ ތަކެއް ދީފައެވެ. އެގޮތުން މީހެއްގެ އެހީއާ ނުލާ ވެސް ބޮލީވުޑުން އޭނާއަށް ކާމިޔާބީ އޮތް ކަމަށް ކަންގަނާ ބުނެއެވެ.