ކުންނާރަކީ ހުތް ފޮނި މޭވާ އެކެވެ. މިއީ ބިޔަ ގަހެއްގައި އަޅާ ކުދިކޮށް ހުންނަ މޭވާ އެކެވެ. ކުންނާރުގެ ތަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ކުންނާރަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ކައިއުޅޭ މޭވާއެކެވެ. ކުންނާރު ރިހާކުރު، ލޮނު، އަދި މިރުހާ އެއްކޮށްގެން ކުންނާރު މަޖާ ހަދައިގެން ވެސް ކައިއުޅޭކަން ފާހަގަ ކުރެވެއެވެ.

ނަމަވެސް މިފަހަރު މިބަލާލަނީ ކުންނާރުން ލިބޭ ބައެއް ސިއްޙީ ފައިދާ ތަކަށެވެ.

• ނިދިނައުން : ނިދިނައުމުގެ މައްސަލަ ހައްލުކޮށްދީ، ނުތަނަވަސްކަން ފިލުވައިލުން: ކުންނާރުގައި "ލިނޯލެނިކް އެސިޑް" އަދި "ލިނޯލެއިކް އެސިޑް" ހުރެއެވެ. މިއީ ސިކުނޑިއާއި، ނާރުތަކުގެ ނިޒާމް ރައްކާތެރިކޮށްދީ، ހާސްވެ ކަންބޮޑުވުން ފިލުވައިދީ، މޫޑު ހަމައަކަށް އެޅުވުމުގައި އެހީތެރިވާ މާއްދާ ތަކެކެވެ. މިއީ ނިދުމަށް އެހީތެރިވެދީ، ފިއްތުއްތަކުން ދުރުކޮށްދީ، ރުޅި އާއި ނުތަނަވަސްކަން ކުޑަކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ކުންނާރުގެ ދިޔައިން ހޯދިފައިވާ ބާރުގަދަ ކެމިކަލް "ޖުޖޫބޮސައިޑް އޭ" އަކީ ސިކުނޑީގައިވާ "ހިޕޯކެމްޕަސް" އޭކިޔާ ހިސާބަށް ބާރުފޯރުވާ އެއްޗެކެވެ. އަދި މިއީ ނިދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

• ހަޖަމުކުރުމުގެ މައްސަލަތައް : ކުންނާރަކީ ވަރަށް ފަސޭހައިން ހަޖަމުކުރެވޭ މޭވާ އެކެވެ. މޭނުބައިކުރުމާއި ހޮނޑުލުން، އަދި ބަނޑުގައި ރިހުން ލުއިކުރުމަށް ކުންނާރު ބޭނުންކުރެވެއެވެ. އަދި މިއީ ބަނޑުގައި ވައިހެދުމުގެ މައްސަލަ ލުއިކޮށްދޭ މޭވާ އެއްވެސް މެއެވެ.

• ލޭސާފުކޮށްދިނުން : ކުންނާރަކީ ލޭސާފުކޮށްދޭ އެއްޗެކެވެ. އެއީ އޭގައި ހިމެނޭ "ސެޕޯނިން"، "އެލްކަލޮއިޑް" އަދި "ޓްރައިޓަރޕެނޮއިޑް" ތަކުގެ ސަބަބުންނެވެ. ކުންނާރުގައި ފެން ގިނައިން ހުރުމަކީ ކުންނާރު ބޭނުންކުރުމުން، ކަރުހިއްކުން ފިލުވައިދޭ ކަމެކެވެ. ނޭވާކުރުވުމާއި، ދާހިއްލުމުގެ މައްސަލައަށް ވެސް ކުންނާރު ބޭނުންކުރުމުން ލުއިކަން ލިބެއެވެ.