ދަރިންނަކީ ކާމިޔާބު، މުއްސަނދި ބަޔަކަށް ހެދުމަކީ ކޮންމެ މަންމަ އަކާއި ބައްޕައެއްގެ ވެސް އުއްމީދަކަށް ވާނެއެވެ. މިއުއްމީދު ހާސިލް ކުރުމަށް ކޮންމެ މަންމަ އަކާއި ބައްޕައެއް ވެސް ވަރަށް ގިނަ ތަފާތު މަސައްކަތެއް ކުރެއެވެ.

ނަމަވެސް ދަރިފުޅަކީ މުއްސަންޖަކަށް ވޭތޯ ދަރިފުޅުގެ ނަމަކަށް ޑޮނަލްޑް ޓްރަމްޕް ކިޔުން ވާނީ ތަފާތު ޚަބަރަކަށެވެ.

އަފްޣާނިސްތާންގެ ރައްޔިތެއް ކަމަށްވާ ސައީދު އަސަދުﷲ މިވަނީ އޭނާގެ ދަރިފުޅަކީ މުއްސަނދި ކާމިޔާބު މީހަކަށް ވޭތޯ ދަރިފުޅުގެ ނަމަކަށް ޑޮނަލްޑް ޓްރަމްޕް ކިޔާފައެވެ. އަފްޣާނިސްތާންގެ ޑަޔަކޫދީ ޕްރޮވިންސްގައި ދިރިއުޅުނު އަސަދުﷲ ގެ ދަރިފުޅަށް 18 މަސް މިހާރު ވެއްޖެއެވެ.

އަސަދުﷲ ބުނީ އޭނާގެ ދަރިފުޅުގެ ނަމަކަށް ޓްރަމްޕް ކިޔާފައި ވަނީ ދަރިފުޅު މުއްސަނދި ވާނެ ކަމުގެ އުއްމީދުގައި ކަމަށާއި އަދި ޓްރަމްޕްގެ ނަން ދަރިފުޅަށް ކިޔަން ނިންމި ދެވަނަ ސަބަބަކީ ދަރިފުޅު ޓްރަމްޕާއި ވައްތަރު ވުން ކަމަށެވެ.

"އަހަރެންގެ ދަރިފުޅުގެ އިސްތަށިގަނޑާއި ހަމުގެ ކުލަ ޓްރަމްޕާއި ވައްތަރު، ބޮލުގެ އިސްތަށިގަނޑު އޮންނަނީ ރަން ކުލައިގައި. އަދި ހަންގަނޑުގެ ކުލަ ވެސް ޓްރަމްޕާއި ވައްތަރު. ބައެއް ފަހަރު ހީވޭ ދަރިފުޅު މިއޮތީ ޓްރަމްޕާއި ވައްތަރު ކުރަން މޭކަޕް ކޮށްފައޭ ވެސް" އަސަދުﷲ ބުންޏެވެ.

އަސަދުﷲ އޭނާގެ ދަރިފުޅުގެ ނަމާއި މެދު ކިތަންމެ ހިތްހަމަޖެހިފައި ހުރި ނަމަވެސް އަސަދުﷲ ގެ ބައްޕަ ވަނީ ކާފަދަރިފުޅުގެ ނަމަކަށް ޓްރަމްޕް ކިޔުމުން އަސަދުﷲ އާއި ގުޅުން ކަނޑާލާފައެވެ. ބައްޕަ ގުޅުން ކަނޑާލުމުން އަސަދުﷲ މިހާރު ވަނީ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން ގެއިން ވެސް ނިކުމެފައެވެ. ނަމަވެސް އޭނާ ހުރީ ދަރިފުޅުގެ ނަން ބަދަލުކުރާ ގޮތަކަށް ނޫނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަރީފް

    މުއްސަނދި ކަމަކީ ކިޔާ ފަރަންޖީ ނަމަކުން ލިބޭ އެއްޗެއް ނޫންކަން ތިޔަ ގަމާރަށް ނޭނގުނުކަން ވ ދެރައެވެ. ރިވެތި އިސްލާމީ ނަމެއްކިޔައި މާތްﷲ ގެ ޙަޝްރަތުގައި ދަރިފުޅަށް މުއްސަނދިކަން ދެއްވުމަށް ދުޢާކޮށް ތިބާ އަޅުކަން ފުރިހަމ ކުރާނަމަ ތިޔަ އެދުން މާތްﷲ ފުރިހަމަކޮށްދެއްވީސްކަން ޔަޤީނެވެ. ޔަހޫދީ ނަންނަން ކިޔައި އެމީހުންނާއި ކުދިން ވައްތަރުކުރަން އުޅުނަކަސް ކަމަކުނުދާނެއެވެ. އަޅެ އަސަދުﷲ ފުންކޮށް ވިސްނާލާށެވެ.

  2. ރާއްޖެތެރެ މީހާ

    ކަލޯ އަނެއްކާ އަސްލު ޓްރަމްޕްގެ ދަރިއެއް ނޫން ބާ؟

  3. ނަބާ

    ނަން މުސްލިމް ވުމަކުން މީހާ މުސްލިމަކަށް ނުވާ ކަމުގެ ދިރި ހުރި މިސާލެއް!!! ބައްޕަގެ ނަމަކީ އަސަދު ﷲ އަހަރެން ހީކުރީ ބައްޕައަކީ މުސްލިމެއް ކަމަށް، އެކަމަކު ކަންވީ މިއާއި މުޅިން އިނދިކޮޅަށް، ޓުރަމްޕް ގެ ނަން ކިޔަން ހިތަށް ވެސް ނާރާނެ ފުރިހަމަ މުސްލިމެއް!! ބަލަ ގަމާރާ! މުއްސަދި ކަމަކީ މާތްﷲ ދެއްވާ ނިޢްމަތެއްކަން ނޭނގުމަކީ ކަލޯގެ ހުރި ޖާހިލު ކަން!! ޓުރަމްޕް ފަދަ ނުބައި ނުލަފާ މީހަކަށް ތިދަރިފުޅު ނުވެއްޖެ ނަމަ ކިތައްމެ ހާވެސް ރަނގަޅު!!! އެފަދަމީހަކަށް ދަރިފުޅު ވެއްޖެ ނަމަ ކީކޭބާ ބުނާނީ؟؟؟