ބޮލީވުޑް އަދި ހޮލީވުޑްގެ ވެސް ތަރި ޕްރިޔަންކާ ޗޯޕްރާ އަކީ މުޅި އިންޑިޔާއިންވެސް ހޮވާލެވޭނޭ އެންމެ ނަން މަޝްހޫރު ތަރިއެވެ. އޭނާއަކީ ފިލްމީ އިންޑަސްޓްރީގައި ގިނަ ދުވަސްވެ އިންޑިޔާގެ ރައްޔިތުންގެ މެދުގައި ހާއްސަ ލަގަބުތަކެއް ދެވިފައިވާ ޝާހް ރުޙް ޙާން، އާމިރް ޙާން އަދި އައިޝްވަރިޔާ ރާއީ ފަދަ ތަރިންނާއި އެއްހަމައެއްގައި މިހާރު ދެކެވޭ ތަރިއެކެވެ. އޭނާއަކީ ބޮލީވުޑުން ބޭރުގައި ހޮލީވުޑުގައި އެންމެ ގަދަޔަށް ކާމިޔާބު ހޯދި އިންޑިޔާގެ ފުރަތަމަ ތަރިއަށް ވުމަކީވެސް ވަރަށް ގާތް ކަމެކެވެ.

ޕްރިޔަންކާ އަކީ މިސް އިންޑިޔާ އަދި މިސް ވޯލްޑްވެސް ކާމިޔާބުކުރައްވާފައިވާ ރީތިކަމަށް ނަން މަޝްހޫރު ފަރާތެކެވެ. ގަބޫލުކުރެވުނަސް ނުކުރެވުނަސް ޕްރިޔަންކާ ޗޯޕްރާ އެންމެ ފުރަތަމަ ބިއުޓީ ޕެޖެންޓްތަކުގައި ބައިވެރިކުރަން ފެއްޓީ އޭނާގެ މައިންބަފައިންނެވެ.

ޕީސީ ބުނާގޮތުގައި އޭނާއަކީ ކިތަންމެ ވަރަކަށް 'ޖަންކް ފުޑްސް' ކެޔަސް ނުވަތަ ބަރުދަން އިތުރުވާފަދަ ކާނާ ކެޔަސް ބަރުދަން އިތުރުވާ ފަރާތެއް ނޫނެވެ. ނަސީބު ރަނގަޅެއްނޫންތޯ؟ އަދި އެހެންވެ އޭނާ ދުވަހަކުވެސް ޕިއްޒާ، ބާރގާ އަދި ފޮނި އެއްޗެހި ކެއުމުގައި ސަމާލުވާކަށް ނުޖެހޭކަމަށް ޕީސީ ކިޔައިދިނެވެ. ދަތުރުކުރާއިރު ޕީސީގެ އަތްދަބަހުގައި އަބަދުވެސް މެޓާ ޕެކެޓެއް އޮންނަކަމަށްވެސް ޕީސީ ވަނީ ކިޔައިދީފައެވެ.

ޕީސީގެ ފޭންސް ނުވަތަ ސަޕޯޓަރުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭއިރު އޭގެ ތެރެއިން ބައެއް މީހުންނަކީވެސް މަޝްހޫރު ފިލްމީ ތަރިންނެވެ. މަޝްހޫރު ކޮމިކް ކެރެކްޓާރ އަދި މިހާރު ހޮލީވުޑްގެ އެންމެ ނަން މަޝްހޫރު އެއް ސުޕަހީރޯ 'ޑެޑްޕޫލް' ކުޅެދޭ ރަޔަން ރެނޯލްޑްސްއަކީވެސް ޕީސީގެ ފޭނެކެވެ.

ހޮލީވުޑްގެއެހެން ތަރިއެއްކަމުގައިވާ ބްލޭކް ލައިވްލީގެ ފިރިމީހާ ރަޔަން ކިޔައިދިންގޮތުގައި ޕީސީއަކީ ވަރަށް ކަމުދާ މިޒާޖެއްގެ މީހެކެވެ. އަދި ޕީސީގެ ޝޯވް (ކުއަންޓިކޯ) ނުބެލުނު ނަމަވެސް ބައެއް އިންޓަވިއުތަކުން ޕީސީ ފެނިފައިވާކަމަށާއި އަދި އޭނާއާއިއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނޭކަމަށް އުންމީދުކުރާކަމަށްވެސް ރަޔަން ވަނީ ބުނެފައެވެ.