އެންމެންނަކީވެސް ހަޔާތުގައި ކޮންމެވެސް ކަހަލަ ބުރަ މަސައްކަތެއް ކޮށްގެން ދިރިއުޅޭ މީހުންނެވެ. މިގޮތުން ބައެއް މީހުން ގިނަ ވަގުތު ވަޒީފާގައި ހޭދަކުރާއިރު އަނެއްބައި މީހުންނަކީ ގިނަ ވަގުތު ކޮލެޖުތަކާއި ޔުނިވާރސިޓީތަކުގައި އިލްމު އުނގެނުމަށް އުޅޭ މީހުންނެވެ. އަނެއްބައި މީހުންނަކީ ގޭތެރޭގެ މަސައްކަތުގައި އަދި ދަރިން ބެލުމުގައިވެސް އަވަދިނެތި އުޅޭ މީހުންނެވެ. އެފަދަ އެންމެންނަކީވެސް ދުވަހުގެ ކޮންމެވެސް އެއް ވަގުތެއްގައި ސިކުނޑި ތާޒާކޮށްލަން ބޭނުންވާނޭ މީހުންނެވެ.

އެންމެ ފުރަތަމަ ކުރެވިދާނެ އެއް ކަމަކީ ތިބާގެ އަމިއްލަ ކަންކަން ލިޔުމަށް ވަކިން ހާއްސަ ޑައިރީއެއް ނުވަތަ ޖާރނަލް ފޮތެއް ގެންގުޅުމެވެ. ކޮންމެ ދުވަހަކުވެސް މަސައްކަތް ނިންމުމަށްފަހު އެ ފޮތުގައި ތިބާގެ އިހުސާސްތަކާއި އެދުވަހަކު ހާސިލުކުރެވުނު ކަންކަމާއި ފައިދާތައް ލިޔުމަކީ މީހާއަށް ބުރަ މަސައްކަތުން ކަމެއް ހާސިލުވެފައިވާކަން އިހުސާސްކޮށްދޭނޭ ކަމެކެވެ.

ކޮންމެ މީހަކުވެސް ރޯލް މޮޑެލްއެއްގެ ގޮތުގައި އެހެން މީހަކު ދެކޭނެއެވެ. އެއް ބައި މީހުންނަށް އެއީ ގައުމެއްގެ ރައީސަކަށްވާއިރު އަނެއްބައި މީހުންނަށް އެއީ މަޝްހޫރު ފިލްމީ ތަރިއެއް ނުވަތަ ފުޓުބޯޅަ ކުޅުންތެރިޔަކަށްވެސް ވެދާނެއެވެ. އެފަދަ މީހެއްގެ މަސައްކަތެއް ނުވަތަ އެފަދަ މީހަކު ލިޔެފައިވާ ފޮތެއް ކިޔުމަކީވެސް ކުރެވިދާނޭ ކަމެކެވެ. އޭރުން އެމީހަކާއި އެއްގޮތްވުމަށް ކުރަންޖެހޭ ކަންކަމާއި ކާމިޔާބީ ހާސިލުކުރުމަށް ކުރަންޖެހޭ ބުރަ މަސައްކަތުގެ ހަގީގީ ކުލަވަރުވެސް ފެނިގެން ހިނގައިދާނެއެވެ.

ދެން ސިކުނޑި ތާޒާކޮށްދޭ އަނެއް ކަމަކީ ޔޯގާ އެވެ. މިއީ އަލަށް އިވޭނޭ ބަހެއް ނޫނެވެ. ޔޯގާ އަކީ އެތައް ގޮތަކުން އެތައް އެތައް ފައިދާއެއް މީހާއަށް ކުރުވާ އެއްޗެއްކަމުގައި ތަޖުރިބާކާރުން ދަނީ އަބަދުވެސް ބުނަމުންނެވެ. ޔޯގާ ފެށުމަކީވެސް ސިކުނޑި ތާޒާކޮށްދިނުމަށް ކުރެވިދާނޭ ވަރަށް ރަނގަޅު ކަމެކެވެ.