ސާފު ބިއްލޫރި ކޮޅެއް ފަދަ ހިމޭން ކަނޑުގެ ލޮނުގަނޑު ކަފަމުން ފެރީ ދަތުރު ކުރަމުން ދިޔައީ މާލެ އަތޮޅު ވިނލިގިއްޔަށެވެ. އޭރު އިރުއޮއްސި ރަތްވިލާތަކުން މުޅި ފަޒާ ދިޔައީ ޖަރީކުރަމުންނެވެ. ކުރެހުންތެރިޔަކު ކުރަހަމުން ދިޔަ ރީތި މަންޒަރެއް ފަދައިންނެވެ. ދުރުން ފެންނަމުން ދިޔަ، މާލޭ ކައިރި އެހެން ރަށްރަށް ވެސް އޭރު ރަތްވިލާތަކުގެ ސަބަބުން ފެންނަނީ ފުސްކޮށެވެ. ފެންނަމުން ދިޔަ މި ހިތްގައިމު މަންޒަރު ބަލަން އަހަރެން އިނީ ފެރީގެ ކުޑަދޮރެއް ކައިރީ ބޭރަށް ބޯ ދިއްކޮށްގެނެވެ. ޖެހެމުން ދިޔަ ފިނިފިނި ވައި ރޯޅިން ޝޯލް ވެސް ހީވަނީ ދެންމެ ދެންމެ ބޮލުން ނެއްޓިގެން ހިނގައިދާނެ ހެނެވެ. އިރުކޮޅު ކޮޅާ ޝޯލް ރަނގަޅު ކޮށްލަން ޖެހުން ވެގެން ދިޔައީ އަހަރެންގެ ފުން ވިސްނުމަށް އެޅެމުން ދިޔަ ހުރަހެއް ކަމުގައެވެ. އަހަރެންގެ ސިކުނޑި އައު ކުރަމުންދިޔަ ހަނދާންތައް އައު ވިޔަ ނުދީ ހުރަސް އެޅުމުގެ މެދުވެރިޔެއް ފަދައިންނެވެ.

ވިލިމާލޭގެ މަލަތި ފެންނަން ފެށި ހިސާބުން އަހަރެންގެ ކަޅި ގޮސް އަމާޒުވީ ރަށުގެ ނިމޭކޮޅަށެވެ. ހޭޅިފަށުގައި ހެދިފައިވާ ބޯ ގަސްތަކުގެ ސަބަބުން ދޮންވެލިގަނޑުން ބައެއް ފޮރުވިފައި ވިޔަސް، އެ ހިމުން ވެލިގަނޑަށް ބީއްސަމުން ދިޔަ ރާޅުން އެ މަންޒަރު އިތުރަށް ހިތްގައިމު ކޮށްދެއެވެ. ދަތުރު އައިސްގޮސްވާ މީހުން ހިނގާބިނގާވެ އުޅުމުގެ ސަބަބުން ދޮންވެލިގަނޑުން ބައެއް ވަނީ ވަޅުވަދެފައެވެ. ދުރުން ބަލާއިރު ސިފަވަނީ ކުދިކުދި ފަރުބަދަ ތަކެއް ބިނާކޮށްފައި ހުރިހެންނެވެ. އެއާ ޚިލާފަށް އަހަރެން ހަމަ އެ ތަންކޮޅުގައި ބިނާ ކުރީ އަހަރެންގެ ލޯބީގެ ގަނޑުވަރެވެ. މިއަދު އެ ގަނޑުވަރު ބިމާ ހަމަވެ ކުދިކުދިވެ، އެންމެން ފައިން އަރާ ހަފުސް ކުރަމުން ދިޔަސް، އަހަރެން އަދިވެސް އެ ގަނޑުވަރުގެ ހަނދާންތައް އައު ކުރަމެވެ. ވަޒީފާ ނިންމާފައި އެނބުރި ވިލިމާލެއަށް އަންނަ ކޮންމެ ފަހަރަކު އެ ދިމާއަށް ބަލާ އެ އުފާވެރި ރަން ހަނދާންތައް އާލާ ކުރަމެވެ.

އަހަރެން ސްކޫލު ދައުރުއްސުރެ ވާހަކަ ދައްކާ، ގަޔާވާ ފިރިހެން ކުއްޖެއް ހުރެއެވެ. ނަމަކީ ފިރާތެވެ. އޭރު އެއީ ކުޑައިރުކަން ޤަބޫލުކުރަމެވެ. ޅަ ދުވަސްވަރު އެޅޭނީވެސް ޅަ ގަބުޅިއެވެ. އެކަމަކު އޭރު ހަމަ ގައިމުވެސް އަހަރެންގެ މި ނުކިޔަމަންތެރި ހިތް އޭނާއަށް ލެނބެމުންދިޔައީ ޖާދޫވީ ބާރެއްގައިހެންވެސް ހީވެއެވެ.

އެންމެ ފުރަތަމަ އަހަރެންނަށް އޭނާ ރީތި ވީއެވެ. ދެން ވީ ވާހަކަ ދައްކާ ހިތެވެ. ދެން ބައްދަލުކޮށްލާ ހިތެވެ. އެކަމަކު އެ ނަސީބު އޭރު ލިބެން ނެތީ، އޭނާ ދިރިއުޅެނީ އަތޮޅު ތެރޭގެ ރަށެއްގައި ކަމުގައިވާތީއެވެ. އެހެންވެ، އަހަރެންގެ މި ހިތަށް އުފާވެރިކަން ގެނެސް ދެމުން ދިޔައީ އޭނާގެ ލޯބި ލޯބި މެސެޖްތަކުންނާއި ގުޅައިގެން ފޯނުގައި އެ ހޭދަ ކުރެވޭ ވަތުތުތަކުންނެވެ. މަޖާ ވާހަކަ އެއް ދައްކާފައި އެ ޖަހާލާ ފިރިހެންވަންތަ ހިނިގަނޑު އަޑު އިވުމުން ބޭއިޚްތިޔާރުގައި އަހަރެންނަށްވެސް ހިނިތުންވެވެއެވެ. ކިތަންމެ ދުރުގައި ހުރި ކަމުގައި ވިޔަސް ފިރާތު އުފަލުގައި ހުރެއްޖެނަމަ، އަބަދުވެސް އަހަރެންގެ ހިތަށް ފިނިކަމެއް ލިބޭތީއެވެ.

ރޭ ދުވާ ތަކުރާރުވެ ބަރާބަރު އަށް މަސް ފާއިތުވެ ދިޔައިރުވެސް، އަހަރެމެންގެ މި 'ސިއްރު' ގުޅުމަކަށް ބަދަލެއް ނާދެއެވެ. ފަހަކަށް އައިސް 'ކޮންފަރެސް ކޯލް' ހެދުން ވެސް އާންމުވިއެވެ. ދެމީހުންގެވެސް އެންމެ ގާތް ރަހުމަތްތެރިންނާވެސް ވާހަކަ ދައްކާލާ ގުޅުން ދެމެހެއްޓުމުގެ ބޭނުމުގައެވެ.

ފަހަކަށް އައިސް ފިރާތުގެ ކޮއްކޮމެންނާއިވެސް ވާހަކަ ދައްކަން ފެށީމެވެ. ފޯނުގައި ހުންނަ ވަގުތު ތަކުގައި، ފިރާތުގެ ކޮއްކޮއެއް ނުވަތަ ކަޒިންއެއް ވިޔަސް ކައިރީގައި ހުރެއްޖެނަ، 'ފަހަރި' އާއި ވާހަކަ ދައްކާލާށޭ ކިޔައި ފޯނު ދޭނެއެވެ. އެހާ ހިސާބުން އަހަރެންވެސް ނިންމައިގެން ހުރީ، މިއީ ހަމަ ވަރަށް ސީރިއަސް ގުޅުމެއް ކަމުގައެވެ. 'ފަހަރި' އޭ ބުނެ އާއިލާއަށް ތައާރަފު ކުރާނީ އެހެންވެ ނޫން ހެއްޔެވެ؟

އޭގެ ދުވަސްކޮޅެއް ފަހުން ސްކޫލް ދައުރުގެ އުފާވެރި ދުވަސްތަކާއި އަލްވަދާޢު ކިޔައި، އަމިއްލަ ފައި މައްޗަށް ތެދުވެ ހަޔާތެއް ފެށޭތޯ މަސައްކަތް ފެށީމެވެ. އޭރުވެސް ހަމަ ފިރާތު އާއި ވާހަކަ ދައްކަމެވެ. އޭނާ ހުރީވެސް ހަމަ މި ހިތުން އޭނާއަށް އެންމެ ކުރިންވެސް ދިން އިއްޒަތްރެރި މަޤާމުގައެވެ. އެހެންނަމަވެސް، އޭރު ދެމީހުންގެ ގުޅުން އަދި މާ ބަދަހި ވެއްޖެއެވެ. ވާހަކަ ދައްކާތާ އަހަރެއް ވީ ވިއްޔާއެވެ.

ވަޒީފާއަކަށް ދެމީހުންވެސް ވަދެ، ދިރިއުޅުމުގެ ޒިންމަތަކާއި ހަވާލުވެ ނިކަން ޒިންމާދާރު ދެމީހުންނަށްވީމެވެ. ފިރާތުވެސް މާލެ އައިސް ރިސޯޓަކުން ވަޒީފާ ހޯދާ ރިސޯޓަށް ބަދަލުވިއެވެ. މިހިތަށް އުފާވެރިކަމުގެ ފެހި ސިގްނަލް ދެމުންނެވެ. މާލޭ ކައިރި ރިސޯޓެއް ކަމުން ގިނަގިނައިން ބައްދަލު ކުރެވޭނެ ކަމުގެ އުފާވެރި ހަބަރު ދެމުންނެވެ.

އެކަކު އަނެއްކަކު ދަސްކޮށްލަން އަހަރަކަށް ވުރެ ގިނަ ދުވަސް މަދު ކަމަކަށް އަހަރެން އޭރު ނުދެކެމެވެ. އެހެންވެ، ފިރާތުގެ ވެސް އެދުމުގެ މަތިން އަހަރެމެން 'ލޯބީގެ' ގުޅުމުން ގުޅުނީމެވެ.

ފިރާތު އަހަރެން ކުރެ ރައްޓެހިވާން އެހި ރޭ، އަހަރެމެން ތިބީ ވިލިމާލޭގެ އެ ދޮންފަސްގަނޑުގައެވެ. ގަސްތަކުން އަޑިވެފައި އެ އިންނަ ހިސާބުގައި ހުރެ ރަތް ފިނިފެން މަލެއް ވެދުންކޮށް، އަސަރު ގަދަ އިބާރާތް ތަކަކުން ލޯބި ހުށަހެޅިގޮތް މިއަދުވެސް، އިއްޔެ ވީ ކަމެއްހެން ލޮލު ކުރިމަތީގައި ސިފަވެއެވެ. އެރޭ އެ ޖެހި ސަކަރާތާއި ގަނޑަގަނޑަ ލާފައި ހީ އުޅުނު އުފާވެރި މަންޒަރު މީހާރުވެސް ސިފަ ކުރެވެއެވެ. އެރޭގެ އެ އުފާވެރި، ހިތުން ފިލައިގެން ނުދާނެ ރަން ހަނދާންތައް މި ހިތުގައި އަބަދުވެސް ވެއެވެ.

ވާނީވެސް އެހެންތާއެވެ. ފިރާތަކީ އަހަރެންގެ ފުރަތަމަ ލޯބިވެރިޔާއެވެ. ނުވިތާކު ފުރަތަމަ ލޯބިވެސް މެއެވެ. ފުރަތަމަ ލޯބި ލިބޭނީ ވަރަށް މަދު ބަޔަކަށޭ މުސްކުޅިން ކިޔައި އުޅޭ އަޑު އަހަރެންވެސް އަހަމެވެ. އެހެންވެ، އެކަމާ އުފާކޮށް، އެރޭ ދެމީހުންވެސް އެ މަންޒިލުން ވަކިވީ އެތަކެއް އަޚުދުތަކެއް ކޮށްފައެވެ. ހަނދާއި ތަރިތައް ހެކިކޮށް އެތަކެއް ހުވާތަކެއްކޮށް، ލޯބީގެ ގަނޑުވަރުގެ ބިންގާ އަޅާފައެވެ.

އުންމީދުވެސް ނުކޮށް ހުއްޓާ އަހަރެންގެ ހަޔާތަށް ބަހާރު މޫސުން އައީ މިހިތް އުފަލުން ރޮއްވަމުންނެވެ. އުފަލުގެ ކޮޅެއް ނެތް ހާލު، ފިރާތާއިއެކު ލޯބީގެ ދަތުރު ފެށީމެވެ. އޭނާ ނުލާހިކު ހެވެ. ނުލާހިކު އޯގާތެރިއެވެ. ލޯބިދީ މި ހިތް އުފަލުން ފުރުވާލައެވެ. އަބަދުވެސް އުފަލުގައި ބެހެއްޓުމަށް ކޮށް ދެވެން އޮތް ކަމެއް ވިއްޔާ ކޮށްދެއެވެ. އޭނާ އެންމެ ފުރަތަމަ ހުވާ ކޮށްފާ ބުނި ފަދައިންނެވެ.

އަހަރެމެންގެ ކޮންމެ ބައްދަލުވުމެއްގެ ވެސް ދަރުބާރަކީ އެއްކަލަ އަތިރި މަތީގެ 'އެ' ތަންކޮޅެވެ. ދިމާވާ ކޮންމެ ރެޔަކު، ބިންގާ އެޅި ގަނޑުވަރު އިތުރަށް ބިނާކުރަމުން ދިޔައީމެވެ. ލޯބީގެ ގުޅުން ހަމަ އެހާވެސް ވަރުގަދަ ކުރަމުންނެވެ.

ދުވަސްތައް އޭގެ އެންމެ ހަލުއި މިނުގައި ދަތުރު ކުރަމުން ގޮސް، އަހަރެންގެ ހަޔާތަށް އައި ބަހާރު މޫސުން ޚަރީފު މޫސުމަކަށް ބަދަލުވެ ދިޔައީ އަހަރެންގެ ކޮން ކުށެއް އޮވެގެން ކަމެއްވެސް ޚުދު އަހަރެންނަކަށް ނޭނގެއެވެ. އަހަރެމެން އައްސާފައިވާ ލޯބީގެ ވައު ފަށް، ފިރާތުގެ އަމިއްލަ އަތުން ކަނޑާ ބުރިބުރިކޮށްލީ ކީއްވެކަމެއް ވެސް ނޭނގެއެވެ. އެހާ ލޯބިން މާ ފޮޅުވަދީ އުޅިފައި އެ މާތައް މޯޅިކޮށްލީ ކީއްވެގެން ކަމެއް ވެސް ނޭނގެއެވެ. ލޯބި ނުވެޔޭ ބުނުމުގެ ބަދަލުގައި ހަމަ އެކަނި 'އުޅެން ބޭނުން ނެތީ' އޭ ބުނެ އެހާ އަވަހަށް ލޯބީގެ މި ޔައުމިއްޔާއިން ބޯ ދަމައިގަތީ ކޯޗެއް ކެވިގެން ބޮވިގެން ކަމެއް ވެސް ނޭނގެއެވެ. އެނގޭހައިވެސް އެއްޗަކީ ފިރާތު އަމިއްލައަށް އަހަރެން ދޫކޮށް ދިޔައީ އަހަރެންދެކެ ހަޤީޤީ ލޯބި ނުވާތީކަމެވެ. އޭގެ ބަދަލުގައި އޭނަ އަހަރެން ދެކެވީ ޤިރިޓީ ލޯއްބެވެ. އެހެންނޫންނަމަ، އެހާ އާދައިގެ ގޮތަކަށް، އަދި އަމުދުން، ކުށް ވެސް ބުނެނުދީ، ވަކިވެ ދާން ކެރޭނެ ހެއްޔެވެ؟

ފިރާތުގެ އެ ބޭވަފާތެރި ކަން އަހަރެންނަށްވީ ތަހައްމަލުކުރަން އުނދަގޫ ވޭނަކަށެވެ. ދިރިހުއްޓާ ވަޅުލުން ފަދައެވެ. ކޮނޑުގައި އެޅިފައިވާ ދުނިޔެވީ ޒިންމާތައް ވެސް އެހާގިނައެވެ. މާޔޫސްކަމާއި އެކުގައި ވިޔަސް އެކަން ވެސް ނުކޮށް ވާކަށްނެތެވެ. އެހެންނޫންނަމަ، އަހަރެންގެ ވިސްނުމުގެ ހާތްޔަކަށް ވެފައިވާ ސިކުނޑިއަށް ކުޑަކޮށް ނަމަވެސް ލުއިވީހެވެ.

ފިރާތު އަހަރެންނާއި ވަކިވެ ދިޔަތާ މިހާރު ބަރާބަރު އެއް މަސްވީއެވެ. އެކަމަކު ކުޑަމިނުން މައާފަށް ވެސް އެދިލާފައި ނެތެވެ. މިހިތް ކުށަކާ ނުލައި އެހެން ރޮއްވަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ އެ ހަނދާން ތަކުން އަރައިނުގަނެވިގެން މިހާ ހާލުގައި އުޅޭ އިރުވެސް، ފިރާތު އެހެން އަންހެން ކުއްޖަކާއިއެކު އެހާ އުފަލުގައި އުޅެން ހެޔޮވާނީ ކިހިނެއްޔެވެ؟ މި ހިތަށް މިވާވަރު ހަމަ ނޭނގެނީބާއެވެ؟

މިހާރު އަހަރެންގެ ހަޔާތެކޭ މިސްރާބެއް ނެތި ގަނޑުގައި ދަތުރު ކުރަމުންދާ ދޯންޏެކޭ އެއްވަރެވެ. އޮއިވަރު ހުރި ގޮތަކުން ކޮންމެވެސް އެއް ދިމާއަކަށް އެ ދޯނިވެސް ދަތުރުކުރާނެއެވެ. އަހަރެންގެ ހަޔާތްވެސް ހަމަ އެފަދައެވެ. ދިރި ހުރިއްޔާ އުންމީދުގެ ހުޅުކޮޅު ދިއްލިފައި ކަނިނުވެ، ހުންނާނެތާއެވެ.

ސިއްސައިގެން ގޮސް އަހަރެންނަށް ހިޔާލުގެ ދުނިޔެއިން ނިކުމެވުނީ ފެރީގައި ތިބި މީހުންގެ ހަލަބޮލި ކުއްލި ހަރަކާތުންނެވެ. ސިހިފައި ފެރީގެ ދިރުނބާ ކޮޅާ ދިމައަށް ބަލާލިއިރު ވިލިމާލެއަށް އާދެވިއްޖެއެވެ. ފަހު ފަހަރަށް އަތިރި މައްޗަށް ދިމާއަށް ބަލާލައި، ހިތުގެ އަޑިން ވަދާއީ ސަލާން ކޮށްލީ ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުންނެވެ.

އެހެން މީހުންނެކޭވެސް އެއްފަދައިން ފޭރީން ފޭބުމަށް އަހަރެންވެސް އަވަސް ވީމެވެ. ފިރާތާއި ދުރުވާން ޖެހުނަސް، އެއީ އޭނާ ބޭނުންވާ އަދި އޭނާއަށް އުފާވެރި ހަޔާތެއް ލިބޭކަމެއް ކަމުގައިވާތީ، އެ ނޫން ގޮތެއް ނެތްހާލުގައެވެ. ކިތަންމެ ދެރަވިޔަސް ވެހެވެ. އަދި އޭނާ ދިން ޤިރިޓީ ލޯބިން ފިލާވަޅެއް ލިބުނު ހާލުގައި މި ނޫން ދުވަހެއް ދައްކަވައިތޯ ދުއާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝެލީނާ

    ވަރަށް ސަޅި....

  2. އަހަރެން

    ވަރަށް ރީތި..