ބައެއް ސަރަހައްދުތަކަށް ވާރޭ އެކަށީގެންވާ މިންވަރަކަށް ނުވެހުމަކީ މިހާރު ދިމާވެފައިވާ މައްސަލައެކެވެ. ވާރޭ ނުވެހުމުގެ ސަބަބުން ވައި ނުސާފުވެ އެކަމުގެ ގެއްލުން އިންސާނުންނަށް ވަނީ ކުރިމަތިވެފައެވެ. ވައި ނުސާފު ވުމުގެ މައްސަލައެއް ހައްލެއް ގެނައުމުގެ ވިސްނުމުގެ އެންމެ ކުރީގައި އޮތީ ޗައިނާ އާއި ދެކުނު ކޮރެއާ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދެކުނު ކޮރެއާގެ އެދުމަކަށް ޗައިނާ އިން މިހާރު ގެންދަނީ ވިއްސާރަ ވިއްލާގަނޑުތައް އުފައްދައިގެން ބޭނުންވާ ސަރަހައްދަކަށް ވާރޭ ވެހޭނެ ގޮތް ހެދުމަށް ތައްޔާރު ވަމުންނެވެ.

ވަކި ހާއްސަ ކެމިކަލްތަކެއް ޖައްވަށް ފޮނުވާލައިގެން ވިއްސާރަ ވިލާގަނޑެއް އުފެއްދުމަކީ ކުރެވިދާނެ ކަމެއްކަމަށް ޗައިނާގެ ސައިންސްވެރިން ގަބޫލު ކުރެއެވެ. އެކަން ކާމިޔާބު ކުރުމަށްޓަކައި ދެކުނު ކޮރެއާގައި މިދިޔަ ޖަނަވަރީ މަހު އެކްސްޕެރިމެންޓެއް ވެސް ހެދިއެވެ. ނަމަވެސް ފުރަތަމަ އެކްސްޕެރިމެންޓް ވަނީ ފެއިލް ވެފައެވެ.

ފުރަތަމަ ފަހަރު ފެއިލްވި ނަމަވެސް އަނެއްކާވެސް ސައިންސްވެރިން ގެންދަނީ މިމަސައްކަތް ކާމިޔާބު ކުރުމަށް ތައްޔާރު ވަމުންނެވެ.

މިފަދަ ގޮތަކަށް އުފައްދާ އާޓިފިޝަލް ވިއްސާރަ ވިލާގަނޑެއްގެ ސަބަބުން ވައި ނުސާފުވުމުގެ މައްސަލައަށް ހައްލެއް ހޯދުނު ނަމަވެސް އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބައެއް ސައިންސްވެރިން ގަބޫލު ކުރެއެވެ.

އިންސާނުން "އުފައްދާ ވާރޭ" ގެ ސަބަބުން ބައެއް ދިރުންތަކަށް ގެއްލުމެއް ވެދާނެކަމުގެ ކަންބޮޑުވުންތައް ވެސް އެބައޮތެވެ.

ނަމަވެސް ޗައިނާ އާއި އުތުރު ކޮރެއާ އިން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ވަރަށް އަވަހަށް އެމީހުން އުފައްދާ ވިއްސާރަ ވިލާގަނޑުތަކުން ވާރޭ ވެހޭނެ ގޮތެއް ހަދާނެ ކަމަށް ވެއެވެ.