އަންހެނުން އަންނަނީ ކޮންމެ ދާއިރާއެއްގައި ވެސް ފިރިހެނުންގެ މައްޗަށް ކުރި ހޯދަމުންނެވެ. ނުވަތަ ކޮންމެ ކަމެއްގައި ވެސް ފިރިހެނުންނާއި ވާދަކުރަމުންނެވެ. މިހާރު މިއޮތީ ވެސް ވަރަށް އުފާވެރި ޚަބަރެކެވެ. މާސްގައި ފުރަތަމަ ފައި ޖައްސާނެ އިންސާނަކަށް ވާނީ އަންހެނެކެވެ.

ފުރަތަމަ މާސް އަށް ފޮނުވާނީ އަންހެނެއް ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ވެރިޔާ ޖިމް ބްރައިޑެސްޓައިން މިދިޔަ ރޭޑިއޯ ޝޯވއެއްގައި ވާހަކަ ދައްކަވަމުން މިވަނީ ވިދާޅުވެފައެވެ.

ނަމަވެސް މާސްއަށް ފޮނުވަން ނިންމާފައިވާ އަންހެން އެސްޓްރޮނޯޓްގެ އެއްވެސް އިތުރު މައުލޫމާތެއް ޖިމް ހާމަކުރައްވާފައެއް ނުވެއެވެ. އޭނާ ވަނީ އިތުރު އުފާވެރި ޚަބަރެއް ވެސް ދެއްވާފައެވެ. އެއީ ދެން ހަނދަން ފޮނުވާނެ އެސްޓްރޮނޯޓަކަށް ވެސް ވުން ގާތީ އަންހެނެއް ކަމަށް ވިދާޅުވެ ދެއްވި އުފާވެރި ޚަބަރެވެ.

މާސް އަށް ފުރަތަމަ ދާނީ އަންހެނެއް ކަން ކަށަވަރުވި ނަމަވެސް މާސް އަށް އިންސާނުން ފޮނުވުމުގެ ހުވަފެން ނާސާ އަށް ކާމިޔާބު ކުރެވޭނީ ކޮން ދުވަހަކުން ކަން ބުނާކަށް އަދި ނޭނގެއެވެ.

ޖިމްގެ ވާހަކަތަކާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ގެންދަނީ މާސް އަށް ފޮނުވާ އަންހެން އެސްޓްރޮނޯޓްގެ މައުލޫމާތު ސާފުކުރަން މީސް މީޑިއާގައި ނާސާ އާއި ސުވާލުތައް ކުރިމަތި ކުރުވާފައެވެ. ނަމަވެސް ނާސާ އިން އެސުވާލުތަކަށް އަދި އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

މި މަހު ނާސާ އިން އަންހެން އެސްޓްރޮނޯޓުންގެ ވަރަށް ހާއްސަ ހަރަކާތެއް ހިންގާނެއެވެ. އެއީ ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޖައްވީ އިދާރާގެ ބޭރަށް ހަމައެކަނި އަންހެނުން ނިކުމެ ސްޕޭސް ވޯކެއް ކުރިއަށް ގެންދިއުމެވެ. މި ސްޕޭސްވޯކް ކުރިއަށް ގެންދާނީ މިމަހު ފަހުކޮޅު އެވެ. ސްޕޭސްވޯކްގައި ބައިވެރި ވާނީ އެސްޓްރޮނޯޓް އޭން މެކްލިން އާއި ކްރިސްޓީނާ ކޯޗް އެވެ. ސްޕޭސްވޯކް ހައެއްކަ ގަޑިއިރަށް ދެމިގެން ދާނެއެވެ.

ފަހަކަށް އައިސް އަންހެން އެސްޓްރޮނޯޓުން ނާސާ އާއި ގުޅޭ މިންވަރު ވަނީ އިތުރު ވެފައެވެ. އެންމެ ފަހުން ނާސާ އަށް 2013 ވަނަ އަހަރު އެސްޓްރޮނޯޓުން ހޯދަން ކުރި އިއުލާނަށް ކުރިމަތިލި 6100 މީހުންގެ ތެރެއިން 50 އިންސައްތަ އަކީ ވެސް އަންހެނުންނެވެ. މިހާރު ވަޒީފާގައި ތިބި އެސްޓްރޮނޯޓުންގެ އަދަދުގެ 34 އިންސައްތަ އަކީ އަންހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންމަނިކު

    އެމެރިކާއަށް ނުފޮނުވޭނެ މީހެއް މާސްއަށް ހަނދަށް މީހަކުފޮނު ކަމަށް ދެއްކީވެސް ޑްރާމާއެއް އެއީވެސް ހުސްދޮގު

    16
    1