މަންމަ އިންނަކީ ގިނަ ފަހަރަށް ދަރިންނަށް އެންމެ ހެޔޮ މީހުންނެވެ. ނަމަވެސް ކޮންމެ ފަހަރަކު މަންމަގެ ހެޔޮކަމާއި، ލޯބި ދަރިންނަކަށް ނުލިބެއެވެ. މިއޮތީ ވެސް އެފަދަ ހާދިސާއެކެވެ.

ރަޝިއާގެ އުމުރުން 31 އަހަރުގެ އަންހެނެއް ކަމަށްވާ ޔޫލިއާ މިދިޔަ ހަފްތާގައި ބަނޑުގައި ރިއްސައިގަތީ އޭނާގެ ފްލެޓްގައި ރަހުމަތްތެރިންނާއި އެކު ޕާޓީއެއް ކުރަމުން ދަނިކޮށެވެ. ބަނޑުގައި ރިއްސައި ގަތުމުން ޔޫލިއާ ފާހާނާ އަށް ވަދެ، އަމިއްލައަށް ދަރިފުޅު ވިއްސިއެވެ.

އަދި އެއަށް ފަހު ތުއްތު ދަރިފުޅު ކޮތަޅަކަށް ލުމަށް ފަހު ފްލެޓްގެ ކުރިމަތީގައި ހުރި ބޮޑު ޑަސްބިނެއްގެ ތެރެއަށް ދަރިފުޅު އެއްލާލިއެވެ. ދެން އަނެއްކާވެސް އޭނާ ރަހުމަތްތެރިންނާއި އެކު ޕާޓީ ކުރިއަށް ގެންދިޔައެވެ.

ޔޫލިއާގެ ދަރިފުޅު ފެނުނީ އޭގެ ދެގަޑިއިރު ފަހުން މަގުމަތިން ހިނގާފައި ދިޔަ މީހަކަށެވެ. ކުއްޖަކު ރޯއަޑު އިވިގެން އޭނާ ޑަސްބިން ބަލާލިއިރު އޭގެތެރޭގައި އޮތީ ވިހެއުމަށް ފަހު ސާފު ވެސް ނުކޮށް އޮތް ތުއްތު ކުއްޖެކެވެ.

ތުއްތު ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ގަދަ ފިނީގައި ގިނަ އިރުތަކެއް ވަންދެން އޮތުމުގެ ސަބަބުން ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.

ތުއްތު ކުއްޖާ ފެނުނު ސަރަހައްދުގެ ހުރިހާ ފްލެޓެއް ފުލުހުން ފާސްކުރަމުން ގެންދަނިކޮށް ޔޫލިއާގެ ފްލެޓްގެ ފާހާނާ އިން މައްސަލަ އާއި ގުޅުން ހުރި ހެކި ފެނުނެވެ. އެހާ ހިސާބުން ފުލުހުން އޭނާ އާއި ސުވާލު ކުރިއެވެ. ޔޫލިއާ ވަނީ ކަން ހިނގި ގޮތް ފުލުހުންނަށް ކިޔައި ދީފައެވެ.

ފުލުހުން މިހާރު ވަނީ ޔޫލިއާ ހައްޔަރުކޮށް ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އުފުލާފައެވެ.

ޔޫލިއާ އަށް މީގެ ކުރިން ވެސް ދެކުދިން ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢައިސަ

    މިކަހަލަ ކިތައް ކަންތައް ރާއްޖޭގައި ހިގާފައިވޭ
    ތިޔައީ އެންމެ ފުރަތަމަ މީހާ؟؟؟؟؟

    22
    8
  2. އުގައިލް

    ރައީސް ނަޝީދު އަށް ގުޅާލިނަމަ ހަވާލުވާން

    10
    9