ޕްރޮޑިއުސަރ ސުރޭޝް ކުމާރު އަދި އެކްޓަރު މެންކާ ގެ އަންހެން ދަރި ތަމިލް އިންޑްސްޓްރީގެ މަޝްހޫރު ބަތަލާ ކީރްތީ ސުރޭޝް ބޮލީވުޑަށް ތައާރަފުވާ ފިލްމުގައި އޭނާ އާ އެކު ފެނިގެންދާނީ ބޮލީވުޑު މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

ކީރްތީ ބޮލީވުޑުގެ ފިލްމެއްގައި މަސައްކަތް ކުރާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އޭރު ރަސްމީކޮށް އެކަމާ ގުޅިގެން ބަހެއް ލިބިފައެއް ނުވެއެވެ.

ކީރްތީ ފެނިގެންދާނީ ބޯނީ ކަޕޫރްގެ ޕްރޮޑަކްޝަންގެ ފިލްމަކުން ކަމަށް ޖާންވީ ބުނެފައިވާއިރު، އޭނާ ބޮލިވުޑް ފިލްމެއްގައި މަސައްކަތް ކުރާކަން ޖާންވީ ވަނީ އިއްޔެ ޔަޤީން ކޮށްދެއްވާ ފައެވެ. އަދި ހަމައެހެންމެ މި ފިލްމުގައި ކީރްތީ އާއިކު ލީޑު ރޯލުން އަޖޭ ފެނިގެންދާނެ ކަމަށް ވެސް ޖާންވީ ވަނީ ބުނެފައެވެ.

އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އަމިތު ޝަރުމާ ޑައިރެކްޓުކުރާ މި ފިލްމަކީ ކުރީގެ އިންޑިއާގެ ފުޑްބޯޅަ ކޯޗެއް ކަމަށްވާ ސައީދު އަބްދުލް ރަހީމުގެ ދިރިއުޅުމުގެ މައްޗައް ހަދާ ފިލްމެއް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ފިލްމަށް ކިޔާނެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކީރްތީ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ރެމޯ" އާއި "ސަރްކާރް" އާއި "ނޭނު ސައިޖަލާ" އާއި "ނޭނު ލޯކަލް އަދި "މަހަނާތީ" ހިމެނެއެވެ. އަޖޭ އެންމެ ފަހުން ފެނިގެންދިޔައީ މިއަހަރު ނެރުނު ފިލްމު "ޓޯޓަލް ދަމާލް" އިންނެވެ. އަދިވެސް ކުރިއަށް އަޖޭ ފެނިގެންދާނެ ގިނަ ފިލްމުތަކެއް މިއަހަރުގެ ތެރޭގައި ނެރެން އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު