އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ފީޗާ ފިލްމެއް "ޕީއެމް ނަރެންދުރަ މޯދީ" ނަމުގައި އަންނަނީ ހަދަމުންއެވެ. އަދި ހަމަ އެއާއިއެކު "މޯދީ" ގެ ނަމުގައި ވެބް ސީރީޒެއްގެ މަސައްކަތް ވެސް ފަށައިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.

މި ވެބް ސީރީޒްގެ ޑައިރެކްޓަރަކީ އުމޭޝް ޝުކްލާ އެވެ. މިއީ ޝްހޫރު ފިލްމު ކުންފުނި އިރޯސް ނައު އާއި ބެންޗްމާކް ޕިކްޗާޒުން ގުޅިގެން ހަދާ ސީރީޒްއެކެވެ. އުމޭޝް ވަނީ 2012 ގައި ރިލީޒް ކުރި އޯ މައި ގޯޑް (އޯއެމްޖީ) އާއި 2015 ގައި ރިލީޒްކުރި "އޯލް އިޒް ވެލް" ގެ ވެސް ޑައިރެކްޓް ކޮށްފައެވެ.

މި ވެބް ސީރީޒްގައި ހިމެނޭނީ 10 އެޕިސޯޑް އެވެ. އަދި މިސީރީޒްގެ ފަސްޓްލުކް ޕޯސްޓަރު ވެސް ވަނީ ބެލުންތެރިންއަށް ދައްކާލައިފަ އެވެ.

މޯދީގެ އުމުރުން 12 އަހަރުން ފެށިގެން، އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވަން ކުރެއްވި ދަތުރު ދައްކުވައި ދޭ މި ސީރީޒްގައި މޯދީގެ ތިން ދައުރެއް ތިން އެކްޓަރަކު ކުޅޭނެ އެވެ. އެއީ ފައިސަލް ހާން، އަޝިޝް ޝަރުމާ އަދި މުކޭޝް ތާކޫރެވެ.

"މޯދީ" ގެ މަންޒަރުތައް ނަގަނީ ގުޖުރާތާއި އުއްތަރުކަންދު، ވެސްޓް ބެންގާލް، ނިއު ދިއްލީ އަދި ކަޝްމީރުގަ އެވެ.

އަންނަ މަހުގެ ތެރޭގައި އިރޯސް ނައުގެ ޑިޖިޓަލް ޕްލެޓްފޯމުން "މޯދީ" ސްޓްރީމް ކުރުމަށް ވަނީ ނިންމާފައެވެ. އިރޯސް އިން ވަނީ ޓްވިޓާގައި ވަނީ ސީރީޒްގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ.

ވިވެކް އޮބެރޯއީ މޯދީގެ ރޯލް ކުޅޭ "ޕީއެމް ނަރެންދުރަ މޯދީ" އަކީ އޮމަންގް ކުމާރު ޑައިރެކްޓް ކުރާ ފިލްމެކެވެ. ގިނަ ބަޔަކު އިންތިޒާރުކުރާ މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.