މި މަހު 8 ދުވަހު ބޮކްސް އޮފީސްގައި ރިލީޒްކުރި "ކެޕްޓަން މާވެލް" އަށް ވަނީ ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު ހޯދައިފި އެވެ.

މި ފިލްމު ރިލީޒް ކުރި ހަފުތާ ބަންދުގައި ވަނީ 455 މިލިއަން ޑޮލަރުގެ އާމްދަނީއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިގެން ގޮސްފަ އެވެ. އަދި އުތުރު އެމެރިކާ އިން ހަފުތާ ބަންދުގައި ފިލްމަށް 153 މިލިއަން ޑޮލަރު ލިބިފައިވާ އިރު، ބޭރުގެ މާކެޓްތަކުން ވަނީ 302 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިފަ އެވެ.

މި ވިޔަފާރިއާ އެކު މާވެލް އާއި ޑިޒްނީގެ "ކެޕްޓަން މާވެލް" ވަނީ 2017 ގައި ރިލީޒް ކުރި "ފާސްޓް އެންޑް ފިއުރިއަސް" އަށް ފަހަތަށް ޖައްސާލައި، ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް އެމެރިކާ އިން ބޭރުން ހޯދި ފަސް ވަނަ ފިލްމުގެ މަގާމު ވެސް ކަށަވަރުކޮށްފަ އެވެ.

މި ފިލްމަކީ ޑިޒްނީ އާއި މާވެލް ގުޅިގެން އަންހެން އެކަޓަރެއް ލީޑް ރޯލުގައި ހިމަނައިގެން މާވެލްގެ ސިނަމެޓިކް ޔުނިވާސް އަށް ގެނެސް ދިން ފުރަތަމަ ސުޕަހީރޯ ފިލްމުވެސް މެއެވެ.

އަނާ ބޯޑެން އާއި ރަޔަން ފްލެކް ޑައިރެކްޓްކޮށްފައިވާ "ކެޕްޓަން އެމެރިކާ" އަށް ބުދަ ދުވަހާ ހަމަށް ލިބުނު ޖުމްލަ އާމްދަނީ މިހާރު 490 މިލިއަން ޑޮލަރަށް އަރައިފަ އެވެ. މި ފިލްމު ހަދަން ހަރަދުކޮށްފައި ވަނީ 152 މިލިއަން ޑޮލަރެވެ.

އަންހެން ތަރިން ލީޑް ކުރާ ފިލްމުތަކަކީ މިހާރު ބޮކްސް އޮފީހުގައި އެންމެ ކުރިއެރުން ހޯދަމުން އަންނަ ފިލްމުތަކެއްކަން 2017 ގައި ރިލީޒް ކުރި "ވޮންޑަ ވުމަން" އިން ވެސް ވަނީ ސާބިތުކޮށް ދީފަ އެވެ. އެ ފިލްމުގެ ބޮޑު ކާމިޔާބީއާ އެކު ފިލްމުގެ ދެވަނަ ބައި ވެސް އަންނަ އަހަރު ގެނެސް ދޭ ގޮތަށް ވަނީ ނިންމާފަ އެވެ.