އިންޑިއާގެ ރޭޕްގެ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކަތަކެވެ. ހާއްސަކޮށް އެގައުމުގައި އެތައް ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކީވެސް ރޭޕެވެ. ރޭޕް ކުރުން އިންތިހާއަށް ގޮސްފައިވާ އިރު، އެގައުމުގައި އެތައް ފަހަރެއްގެ މަތިން ރޭޕްގެ މައްސަލަތައް ވަނީ ފެންމަތިވެ، އެކަމާ އާންމުން މަގުމައްޗަށްވެސް ނުކުމެފައެވެ.

ކޯލާ ޑިސްޓްރިކްޓްގައި މިދިޔަ ހަފްތާގައިވެސް ވަނީ ތަފާތު ކަމެއް ހިނގާފައެވެ. ގެއަކަށް ކުލަ ލާން ދިޔަ މީހެއް، ކުޑަ ކުއްޖަކު ރޭޕް ކުރިކަން އޭނާ މަންމައަށްވެސް އެނގިފައިވާ އިރު، އެ ކުއްޖާގެ މަންމައެކަން ސިއްރުކޮށް، އެ ފިރިހެން މީހާއާ ކުއްޖާ ކައިވެނި ކުރުވިއެވެ. އުމުރުން 13 އަހަރުގެ ކުއްޖާ ރޭޕް ކޮށްފައި ވަނީ 32 އަހަރުގެ ޕަންޖަރާޖެވެ.

ކުޑަ ކުއްޖާއަށް ދިމާވި ކަންތައް އޭނާގެ ބައެއް އެކުވެރިންނާ ހިއްސާކުރި އިރު، އެ ކުއްޖާގެ ފަރާތުން ރައްޓެއްސަކު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވެއެވެ. އެ މައްސަލަ ބެލި ފުލުހުން ބުނެފައިވާ ގޮތުގައި އެކަން ހިނގާ ގޮސްފައިވާ ގޮތުން އެ ފިރިހެން މީހާއާއި މަންމަވެސް މިހާރު ވަނީ ހައްޔަރު ކުރެވިފައެވެ.