ލޯބިވާ މީހާ ގާތުގައި އިންނަން އެހުމަށް ނުވަތަ ޕްރޮޕޯސް ކުރުމަށް ރާއްޖޭގައިވެސް ވަރަށް ތަފާތު ކަންކަން ކުރެއެވެ. ބޮޑެތި "ސަޕްރައިޒް" ތައް ދީގެންނާއި ކަނޑު އަޑިއަށް ގޮސްގެންވެސް މިކަން ކޮށްފައިވެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިގޮތަށް ކަންތައް ހިނގަމުން ދެއެވެ. މޮޅެތި ގޮތްގޮތަށް ޕްރޮޕޯސް ކުރެއެވެ.

އެގޮތުން، ދާދިފަހުންވަނީ އިނގިރޭސި ވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ތެރޭގައި، އެތަނުގައި މަސައްކަތް ކުރާ ސިވިލް ސާވަންޓަކު އޭނާގެ ލޯބިވެރިޔާ ގާތުގައި އިންނަން އަހާފައެވެ.

އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގެ ހައުސް އޮފް ކޮމަންސްގެ ބިންމަތީގައި ކަކޫ ޖައްސާލުމަށްފަހު ލޯބިވެރިޔާއަށް ޕްރޮޕޯސް ކޮށްފައިވަނީ 32 އަހަރުގެ މެތިއު ރެވިލް އެވެ.

މިކަމާ ގުޅިގެން ރެވިލް، "އީވްނިންގ ސްޓެންޑަޑް" ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކަކީ އޭނާގެ ލޯބިވެރިޔާއާއެކު ހޭދަކުރެވުނު ދުވަސްތައްކަމަށާއި އެހެންކަމުން، އެކުގައި ހަޔާތް ވޭތުކުރަން އެދޭކަމަށެވެ.

އޭގެ އިތުރަށް ބުނެފައިވަނީ އެމީހުންނަކީ ވަރަށް "ޕްރައިވެޓް" ކޮށް މީހުންނަށް ކަންކަން ނާންގަ އުޅުނު ބައެއް ކަމަށާއި އެހެންކަމުން، އާއްމުންނަށް އެކަން އެންގުން ތަފާތުކޮށްލަން ބޭނުންވީކަމަށެވެ.

މިކަމާ ގުޅިގެން އެތައް ބަޔަކު ދަނީ މީސްމީޑިޔާ އަދި ވަކީން ޚާއްޞަކޮށް ޓްވިޓަރގައި ޝުޢޫރު ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު