އުފާވެރި ޚަޔާތެއް އެހެން މީހަކާއި އެކު ހިއްސާކޮށްފައިވާ ކޮންމެ މީހަކު ވެސް ހަޔާތުގެ ބައިވެރިޔާ މަތިން ހަނދާން ހުންނާނެއެވެ. ކޮންމެވެސް މައްސަލައެއް ދިމާވެގެން މިއަދު ދެމީހުން ވަކިވެފައި ވީނަމަވެސް އެއީ އުފާވެރި ދުވަސްތަކެއް ނަމަ އެދުވަސްތައް އަލުން އަނބުރާ ގެންނަން ބޭނުންވާ ބަޔަކު ވެސް ތިބޭނެއެވެ.

ތިއީ ދޮގެއް ކަމަށް ބުނެ މިލިޔުން ފޭސްބުކްގައި ޝެއާ ކުރާ އެންމެން ތިހަދަނީ ތެދެއް ނޫންކަމަށް އެމީހުންގެ ހިތް ހެކި ވާނެއެވެ. އެފަދަ މީހުންނާއި ޖަދަލު ކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ.

އަހަރެން މިކިޔައި ދެނީ އެކްސް ނުވަތަ ކުރީގެ ލޯބިވެރިޔާ އަލުން އަނބުރާ ހަޔާތައް ގެންނަން ބޭނުންވާ މީހުންނަށް އެކަން ކުރާނެ ގޮތެވެ. މިއީ ވަރަށް ބޮޑަށް އިތުބާރު ލިބިފައިވާ "މުޖައްރިބު ފަންޑިތައެކެވެ."

އަމިއްލަ ނަފްސަށް ސަމާލުކަން ދޭތި

ކޮންމެ މީހެއްގެ ހަޔާތައް ވެސް އެހެން މީހަކު އަންނާނީ ފުރަތަމަ ތިމާ އަށް ފަހުއެވެ. ކޮންމެ މީހަކަށް ވެސް އެންމެ މުހިންމު ވާންވާނީ ތިމާގެ އަމިއްލަ ނަފްސެވެ. އަމިއްލަ އުފާވެރިކަމެވެ. އަމިއްލަ އަށް ބޭނުންވާ ކަންތައްތަކެވެ. ލޯބިވާ މީހަކު ތިބާ ދޫކޮށްލާފައި ދިއުން، ނުވަތަ ކޮންމެ ވެސް ސަބަބަކާއި ހުރެ ތިމާ އޭނާ ދޫކޮށްލުން އެއީ ފުރަތަމަ ދުވަސްކޮޅު ވަރަށް އުނދަގޫ ތަޖުރިބާއެއް ކުރަން ޖެހޭނެ ކަމެކެވެ.

ނަމަވެސް ހަނދާން ކުރާށެވެ. އަމިއްލަ ނަފްސަށް ގެއްލުމެއް ނުދޭށެވެ. ނޯމަލް ދިރިއުޅުމެއް އުޅޭށެވެ. މީސް މީޑިއާގައި އެކްޓިވް ވާށެވެ. އެކްސް ފަހަތުން އަދި ނޫޅޭށެވެ. އޭނާ ތިބާގެ މީސް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ތިބާ އުޅޭ ގޮތް ބަލާނެއެވެ. މިއީ ޔަގީން ކަމެކެވެ. އެހެންކަމުން އޭނާ އަށް އެފުރުސަތު ދީގެން އަދި މަޑުކޮށްލާށެވެ.

ބޮޑެތި އުއްމީދުތަކެއް ނުކުރާތި

އޭނާ އަނބުރާ ލިބޭނެ ކަމަށް ހީކޮށް ބޮޑެތި އުއްމީދުތަކެއް ނުކުރާށެވެ. ގިނަ ހުވަފެންތަކެއް އޭނާ އާއި އެކު ނުދެކޭށެވެ. ތިބާ އަށް އޭނާ މަގުމަތިން ނުވަތަ އޮފީސް މާހައުލުން ވެސް ފެނިދާނެއެވެ. ތިބާ ހީލާ ކޮންމެ ފަހަރަކު ވާހަކަ ދައްކާ ކޮންމެ ފަހަރަކު އޭނާ ޖަވާބެއް ދޭނެ ކަމަށް އުއްމީދު ނުކުރާށެވެ.

ބޮޑެތި އުއްމީދުތަކެއްކޮށް އެކަން ހާސިލް ނުވެއްޖެނަމަ ނަފްސާނީ ގޮތުން މީހާ ވަރަށް ބޮޑަށް ބަލިކަށިވާނެއެވެ. އެހެންކަމުން އެފަދަ ހާލަތަކަށް ތިބާ ތައްޔާރުވާށެވެ.

ފޯނު ނުކުރާތި

ތިބާ މަތިން ހަނދާން ކުރަން އޭނާ އަށް ވަގުތު ދޭށެވެ. ތިބާ ކޮށްދީފައި ހުރި ރަނގަޅު ކަންތައްތައް މަތިން ހަނދާންކޮށް ދެން ކަންތައް ކުރާނެ ގޮތެއް ނިންމަން އޭނާ އަށް ވަގުތު ދޭށެވެ.

ތިބާ އަބަދު މެސެޖް ކޮށް ފޯނުކޮށް ނުވަތަ މީސް މީޑިއާ އެކައުންޓްތަކުން އޭނާ އަށް ގޮވާނަމަ ތިބާ މަތިން މިސް ވާން އޭނާ އަށް ވަގުތެއް ނުވާނެއެވެ. އެހެންކަމުން އޭނާ ފުރުސަތު ދީފައި އަދި މަޑުކޮށްލާށެވެ. މަހެއްހާ ދުވަހު މިގޮތައް މަޑުކޮށްލުން މައްސަލައެއް ނެތެވެ.

ހަޤީޤީ މައްސަލަ އާއި ކުރިމަތިލާ

ދެމީހުން ވަކިވާން މެދުވެރިވީ ކީއްވެ ހެއްޔެވެ؟ އާފެށުމަކުން ފަށާއިރު ފުރަތަމަ ޖެހެނީ ޙަޤީޤަތް ގަބޫލު ކުރާާށެވެ. އޭނާ އާއި އެކު އެނބުރި އާފެށުމަކުން ފަށަން ބޭނުންވާނަމަ މިވަގުތު އޭނާ ބުނާ ބަސް ގަބޫލު ކުރާށެވެ. ތިބާ ބޭނުންވާ ގޮތެއް ހަދަން ވިސްނާނީ ދެމީހުންނަށް ވާހަކަ ދެއްކެވޭ ވަރަށް މައްސަލަތައް ހައްލު ކުރެވުމުންނެވެ. މިއީ ހިތްތިރިކޮށް ބަލި ގަބޫލު ކުރަންވީ ވަގުތެވެ. އަދި އޭނާ ބުނާ ގޮތް ހަދައިގެން އާފެށުމަކުން ފަށަންވީ ވަގުތެވެ.

ލޯބި ހާސިލް ކުރުމަށް ކަމެއް ޤުރުބާން ކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ތިބާގެ އުސޫލުތަކާއި ހަމަތައް ދޫކޮށްނުލާށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސަކީ

  ގެއްލިގެން ތި ހޯދާ އެކްސް އެއް ނުލިބޭނެ 😂

  16
  2
 2. އައި

  އަހަރެންގެ އެކްސް ހުރީ މިހާރުވެސް އަހަރެންނާއި އިންނަހިތުން..އެކަމަކު އަހަރެން އެކްސްއެއް ބޭނުމެއް ނޫން...އޭބީސީޑީގެ ހުރިހާ އަކުރަކަށް އިތުބާރުކުރިޔަސް އެކްސްއަށްޓަކާ މިހިތުގަ އިތުބާރުގެ އެންމެ ޕަސެންޓެއް ނޫނީ ނެތް....އިތުބާރެއްނެތް ތެދުވެރިކަމެއް ވަފާތެރިކަމެއް ނެތް މީހަކާއި އިނދެގެން އުޅެންވެއްޖެނަމަ ދުނިޔޭން މޮޔަވެދާނެ..

  8
  1
 3. ޅަތީ

  އެކްސް އަކީ އަބަދުބެސް އެމީހުންގެ ފަސްޓް ބައިވެރިޔާ ދޫކޮއްލިއަސް އެމީޙުން ފަހަތުން ދުވާބައެއް....

 4. އެކްސް

  ތިހެން ވީއިރު ހުސް އެކްސް އުޅޭނީ..ދިހަ މީހުން ނާ ރަށްޓެހި ވެގެން ރުޅިވެފަ ހުރި މީހަކު ހޯދަން
  ޢެ އެންމެން އުޅެން ފަށާ ފިއްޔާ ސަލާމަތެއް ނެތެއްނު..މީހުންގެ ދިރިއުޅުން ހަލާއްކު ވާކަހަލަ ވާހަކަ ނުގެނެސް ބަލަ..މިހާރުވެސް ވަރިގިނަވާތީއޭ އުޅެނީ..

 5. ކީއްކުރާނީ

  ލިޔުން ރަނގަޅަށް ކިޔުމަށްފަހު ލިޔުމުގައި އެއްޗެއް ދޭހަ ވުމުން، މިވާބަތްތަކުގެ ކޮމެންޓް އަންނާނެ ކަމަކަށް ނުބެލެވޭ! ބައެއް މީހުންނަށް ދިވެހިން ލިޔެފައި ހުންނަ ލިޔުން ކިޔައިގެން އޭގައި ލިޔެފައިވާ އެއްޗެއް ދޭހަވާ މިންވަރު ކުޑައީ ކަމަށްވެދާނެ! އެކަން ރަނގަޅު ކުރެވޭނީ ވީހާވެސް ގިނައިން ދިވެހި ލިޔުންތައް ކިޔައިގެން...